ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގެ ތަޅުމުގައި ވާއިރު ނައިބު ރައީސްގެ މަގާމަށް ނާދެވިގެން ނޫޅުއްވާކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "މުޅި ލާމު ބްރޯއާއެކު"ނަމުގައި ލ.ގަމާއި ފޮނަދޫގައި ކުރިއަށްގެންދިޔަ ސައިކަލު ބުރު ނިންމަވާލުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ނައިބު ރައީސްގެ މަގާމަށް ނާދެވިގެން ނޫޅެން، އެހެންނަމަވެސް ތިބޭފުޅުން މިހާ ބޮޑަށް ކެމްޕޭން ކުރައްވަތީ އުފާކުރަން" އަދީބު ވިދާޅުވި އެވެ.
ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލ.އަތޮޅަކީ ތަރައްގީއަށް ބިންބޮޑު، ބިން މުއްސަނދި، ވަރަށް ކެރޭ ގަޓް ހުރި ޒުވާނުން އުޅޭ އަތޮޅެއް ކަމަށެވެ. އަދި މިހާރު ގަންފޮނަދޫ ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްދާއިރު ލ.އަތޮޅަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު ވިޒަނެއް އޮތް އަތޮޅެއް ކަމަށާއި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރިއަށް އޮތްތާނގައި ލ.އަތޮޅަށް އަންނަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު އަންނަ ހަފްތާގެ ތެރޭގައި ނައިބު ރައީސް ޖަމީލުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް އަދީބު އަންނާނެ އެވެ.
ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްކުރުމަށް 57 ވޯޓު ބޭނުންވާއިރު އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީވެސް 62 މެމްބަރުންގެ ސޮޔާއެކުގަ އެވެ.
އެ މައްސަލައިގާ ޖަވާބުދާރީ ވުމަށް ނައިބު ރައީސަށް ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އެ މުއްދަތުގައި ނައިބު ރައީސް، މަޖިލީހަށް ޖަވާބުދާރީ ވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް