އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން އެންމެފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ނިއުއާއި އީގަލްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
މިމެޗުގެ ފެށުނުތާ މާގިނައިރުތަކެއް ނުވަނީ ރިލްވާން ވަހީދު (ރިލޭ) ވަނީ ނިއުއަށް ލީޑު ހޯދައިދީފައެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ފުރަތަމަ ހާފްގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ރިލޭގެ ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވަނީސް އީގަލްސްއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ނުކުތް އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. އީގަލްސް އަތުން ނިއުއަށް އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ނިއު އެވެ. ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ނިއު އޮތްއިރު، ދެވަނައިގައި އޮތް މާޒިޔާއަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އީގަލްސް އޮތީ ހަތަރު ވަނައިގައެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރިޔޫނިއަންގައި އަންނަމަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް