ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެ ސަމިޓު ކުރިއަށްދާނީ މި މަހުގެ 18 އިން 19 އަށެވެ. އެގޮތުން މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
އެފްރިކާ އަދި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖަޢާކުރައްވާނެއެވެ.
މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މެޑަމް ސާޖިދާ މުހައްމަދަށް ވަނީ، މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް