ރައްޔިތުންގެ ހާލަތަށް ބަލާއިރު ޖެމްކިއުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ މުހިންމުކަމެއް: އައްބާސް

ރައްޔިތުންގެ ހާލަތަށް ބަލާއިރު ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމްގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރ...

17 Jun 2025 | 05:00

ރައްޔިތުންގެ ހާލަތަށް ބަލާއިރު ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމްގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެންބަރު އައްބާސް އޭނާގެ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖުލީހުގެ %70 ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސިފައިންނާއި ޕޮލިހުންގެ %80 ބޭފުޅުންނާއި ޖުމްލަ 70 ވަރަކަށް ހާސް ރައްޔިތުން ޖީއެމްސީއީ ބޭނުން ކުރަމުން ދަނީ އެކަމުން ވަރަށް ބޮޑު ނާފާ ލިބެމުންދާތީ ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ ޖީއެމްސީއީގެ ސަބަބުން އެ ސްކީމް ބޭނުންކުރައްވާ ބޭފުޅުންނަށް ބޮޑުތަނުން ފައިދާވެ ކަންމަތީ ފިހާރަ ތަކުގެ ދަރަނި ދައްކާ ލުއި ލޯނުތައް ދައްކާ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން..އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސަރ ދެއްވާކަން" އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަދި 2024 ވަނަ އަހަރުން ފެށިގެން ޖީއެމްސީއީ ބޭނުންކުރަމުން ދާއިރު އަދި އެއްވެސް ރައްޔިތަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވީ އެ ބޭފުޅެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ޖީއެމްސީއީ އަށް އިންވެސްޓު ކުރެއްވި ކޮންމެ ބޭފުޅަކަށްވެސް މިއަދާ ހަމައަށް ހާހުން، ލައްކައިން، މިލިއަނުން ފައިދާ ވާކަމީ ޖީއެމްސީއީ ބޭނުންކުރައްވާ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއްނޫން ކަމަށެެވެ.

ހަމައެހެންމެ ކިތަންމެ ވަރަކަށް ޖީއެމްސީއާ ބެހޭގޮތުން ނޫސް ބަޔާންތައް ނެރުނު ނަމަވެސް ޖީއެމްސީއީ ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ޤައުމުގެ ހާލަތު އޮތްގޮތުންނާއި އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖީއެމްސީއީގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން" އައްބާސް ވިދާޅުވެފައި ވެއެވެ.

ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމާއި ގުޅޭގޮތުން އައްބާސް މިހެން ވިދާޅުވެފައި ވާއިރު، ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މި މަހުގެ 15 ވަަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިއުއަކީ އޮޅުވާލައިގެން އަދި އެއްވެސް ހުއްދައަކާ ނުލައި ހިންގަމުންދާ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ފަދަ ސްކީމްތައް ހިންގައި ޕްރޮމޯޓުކުރުމަކީ ކުށެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ފަދަ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް