އެފްރިކާގެ 42 ގައުމަކަށް އިންޑިއާގެ ކޮވިޑު ވެކްސިން ފޯރުކޮށްދެވުނު: އިންޑިއާ

އެފްރިކާ ބައްރުގެ 42 ގައުމަކަށް، އިންޑިއާގައި އުފައްދާފައިވާ ކޮވިޑު ވެކްސިން ފޯރުކޮށްދެވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖެއިޝަންކަރު ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރ...

16 Jun 2023 | 19:13

އެފްރިކާ ބައްރުގެ 42 ގައުމަކަށް، އިންޑިއާގައި އުފައްދާފައިވާ ކޮވިޑު ވެކްސިން ފޯރުކޮށްދެވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖެއިޝަންކަރު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރައްވާފައިވަނީ 18 ވަނަ، އިންޑިއާ އެފްރިކާ ކޮންކްލޭވްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޖެއިޝަންކަރު ވިދާޅުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗްގެ ނިޔަލަށް އެ ބައްރުގެ 42 ގައުމަކަށް އިންޑީއާގެ ވެކްސިން ފޯރުކޮށްދީފައިވަނީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ގެންގުޅުއްވާ "ވަން އާތު، ވަން ހެލްތު" ޕޮލިސީގެ ދަށުން ކަމަށެވެ. އަދި އެ ޕޮލިސީގެ ދަށުން އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން އެފްރިކާގެ ގައުމުތަކާއި ގުޅިގެން އެ ގައުމުތަކުގައި ވެކްސިން އުފެއްދުމަށް ކާރުހާނާތައް އެޅުމަށްވެސް ބާރު އަޅަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އެފްރިކާގެ ވިޔަފާރި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރަމުން ޖެއިޝަންކަރ ވަނީ 2022-2023 ގައި ވިޔަފާރީގެ މުއާމަލާތް 98 ބިލިޔަނަށް އަރާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދާދި އަވަހަށް އެ އަދަދު 100 ބިލިޔަން ޑޮލަރަށް އަރާނެކަމުގެ އުންމީދު ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް