ބެންޒެމާ ރެއާލްގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކުރަނީ

ކަރީމް ބެންޒެމާ އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ރެއާލް އާއި އެކު ބެންޒެމާ ހަދާފައިވާ އެއ...

17 Jun 2022 | 16:12

ކަރީމް ބެންޒެމާ އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރެއާލް އާއި އެކު ބެންޒެމާ ހަދާފައިވާ އެއްބަސްވުމުުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ރެއާލުން ވަނީ ކުރީ ބައިގައި ބެންޒެމާ އާއިއެކު އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް ފަށާފައެވެ.

ރެއާލް މެޑްރިޑް ދޫކޮށްލުމުގެ ވިސްނުމެއް ބެންޒެމާ ނުގެންގުޅޭއިރު އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ރެއާލް އާއި އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސްޕެނިޝް ލީގު ޗެމްޕިއަން ކަން ހޯދުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ރެއާލް އާއި އެކު ހޯދިއިރު، ބެންޒެމާ ވަނީ މި ކާމިޔާބީތައް ރެއާލަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސްޕެނިޝް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރެއާލްގެ އެއްބަސްވުން އައުކުރުމަށް ބެންޒެމާ ތައްޔާރު ވަމުން އަންނަ އިރު، އޭނާ އިތުރު ދެ އަހަރު ކުލަބުގައި މަޑުކުރުމަށް އެއްބަސްވުން އައު ކުރާނެއެވެ. އެގޮތުން 2024 ވަނަ އަހަރާއި ހަމައަށް ކުލަބުގައި އޭނާ މަޑުކުރާނެއެވެ.

ރެއާލް މެޑްރިޑާއި އެކު ކާމިޔާބު ސީޒަނެއް ނިންމާލުމަށް ފަހު ބެންޒެމާ ހުރީ ކުލަބާއި އެކު އަދިވެސް އިތުރަށް ކާމިޔާބީތައް ހޯދުމަށް ކެތްމަދުވެފައިކަމަށް އޭނާ ބުނެއެވެ. އެގޮތުން އަދި ރެއާލް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭކަމަށްވެސް ބުންޏެވެ.

ކަރީމް ބެންޒެމާ ރެއާލާއި ގުޅުނީ 2009 ވަނަ އަހަރު ފްރާންގެ ލިޔޯން އިންނެވެ. އޭގެ ފަހުން މިހާތަނަށް 13 ސީޒަނެއް ރެއާލްގައި ހޭދަކޮށްފައިވާއިރު، ބެންޒެމާ ވަނީ ރެއާލް އާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.

އެގޮތުން ސްޕެނިޝް ލީގު ހަތަރު ފަހަރު ހޯދުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ފަސް ފަހަރު އެ ކުލަބާއި އެކު ހޯދާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް