މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ރީޖަނަލް ޕޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެމްޕީއެލްގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
ބޯޑުގެ މި ނިންމުން އިއުލާނުކުރީ އެ ކުންފުނީގެ ދަށުން މެނޭޖްކުރަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާއި ބޯޑު މެންބަރުން އިއްޔެ ބައްދަލުކުރައްވައި ދެއްވި މައުލޫމާތުގައެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ ހިތަދޫ ޕޯޓުގައި ބޭއްވި ބޯޑު މީޓިންގ ތަކުގައި ވަނީ ގިނަ ޕޮލިސީތަކެއް ފާސްކޮށް ރީޖަނަލް ޕޯޓުތަކުގެ އޯރަގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާއި ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދީ، މުވައްޒަފުންގެ ހުރި ސުވާލުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާކަމަށާއި ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޯޑުން ފާސްކޮށްފައިވާއިރު، އަންނަ މަހުގެ މުސާރައާއި އެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެ ކަމަށެވެ.
"މީގެ އިތުރުން މުވައްޒަފުންނަށް ކުރިއެރުންވެސް ލިބިގެންދާނެ، ހަމައެހެންމެ، ކުރިޔަށްވުރެން މާ ފުރިހަމަ ރިޓަޔަރމަންޓް ޕޮލިސީއެއް ވަނީ އެކުލަވާލާފައި" ދާނިޝް ވިދާޅުވިއެވެ.
ރިޓަޔަމަންޓް ޕޮލިސީއާއި ގުޅޭގޮތުން ދާނިޝް ވިދާޅުވީ މިހާރު އާލީ ރިޓަޔަމަންޓް ތައާރަފްކޮށްފައިވާއިރު، އުމުރުން 65 އަހަރުވުމުން ރިޓަޔަރ ކުރެވޭނެ ކަމަށާއި މީގެ އިތުރުން، މާލީ އެހީ ދޭ ޕޮލިސީ، ކޯޑް އޮފް ކޮންޑަކްޓް އާއި އިތުރު ޕޮލިސީތައް ވަނީ ފާސްކޮށްފައި ކަމަށެވެ.
ބޯޑު ހުރިހާ މެމްބަރުންވެސް މުވައްޒަފުން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކޮށްފައިވާކަން ދާނިޝް ފާހަަގަކުރެއްވިއެވެ.
އެމްޕީއެލްގެ ދަށުން ރީޖަނަލް ޕޯޓްސްގެ ގޮތުގައި ހިންގަމުން އަންނަނީ ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްފުށި ރީޖަނަލް ޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް