ކީރިތި ރަސޫލާ އާއި އިސްލާމް ދީނުގެ ދިފާއުގައި ޖުމްހޫރީ ޕާޓީ ނުކުތުމާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ އެ ޕާޓީން ކުށްވެރިކޮށްފި އެވެ.
"ނަބިއްޔާގެ ދިފާއުގައި" ނަމުގައި އިދިކޮޅުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޖޭޕީއަށްވެސް މުސްލިމުންނާއި، މާތް ރަސޫލާގެ ހިމާޔަތުގައި ނިކުންނަން ނުކެރުނުކަމަށެވެ. މިކަންކަން ހިނގާގޮތް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަބަދު ރިސޯޓުގައި ހުންނަވާތީ ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ވާހަކަފުޅާއި ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ހރޭގެ ޖަލްސާގައި ޔާމީން އެހެން ވިދާޅުވި ކަމަށްވާނަމަ ޔާމީންއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ. އަދި ވާހަކައެއް ދައްކަވައިފިއްޔާ ޔާމީން ގެންދަވަނީ އޮޅުވާލަން މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރަސޫލާއަށް ފުރައްސާރަ ކުރުން އެންމެ ފުރަތަމަ ކުށްވެރި ކުރި ސިޔާސީ ޕާޓީއަކީ ޖޭޕީ ކަމަށެވެ.
އިތުރަށް ވިދާޅުވީ ރަސޫލާގެ ދިފާއުގައި ކަމަށް ބުނެ ޕޯޑިއަމްއަށް އަރައި ދެއްކެވީ އެހެން މީހުންނާއި މެދު ނަފުރަތު އުފެއްދުމުގެ ވާހަކަފުޅެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ ޔާމީންގެ ވާހަކަފުޅު އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް