ނަފްސާނީ ބައްޔާ މެދު އާއްމުން ހޭލުންތެރިކުރުވުމަށް ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭގައި ހާއްސަ ސެޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 6:00 އަށެވެ. ސެޝަން އޮންނާނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.
މި ސެޝަނުގައި ވާހަކަދައްކަވާނީ ސައިކޮލޮޖިސްޓް އައިމިނަތު ނަދާ ޝަރީފް، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ އަދި ލައިފް ކޯޗު ފާތިމަތު އީމާން ނަޝީދު އެވެ.
މީގެ ތެރެއިން ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ވާހަކަދައްކަވާނީ ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ޑިރެކްޓާ ޖެނެރަލް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް ވާހަކަދައްކަވާނީ އިސްލާމީ ނަޒަރަކުން ޑިޕްރެޝަން އާއި އެންޒައިޓީއާ ބެހޭގޮތުންނެވެ.
'އެ ދުވަސް ގެނެވޭނެ' ނަމުގައި ނަފްސާނީ ބަލީގެ އަމިއްލަ ތަޖުރިބާތައް ފޮތެއްގެ ސިފައިގައި ދާދި ފަހުން ޝާއިއުކުރެއްވި ނޫސްވެރިޔާ ސާއިލް ވިދާޅުވެދެއްވާނީ އެ ބަލި ތަހައްމަލުކުރި ގޮތާއި އެކަމުން އަރައިގަން ގޮތާ ބެހޭގޮތުންނެވެ.
ޑްރީމްސްކޭޕްގެ ފައުންޑާ އަދި ލައިފް ކޯޗު އީމާން ވާހަކަދައްކަވާނީ ނަފްސާނީ ބަލިތަކުން އަރައިގަތުމުގައި ބޭނުންކުރާނެ އުކުޅުތަކާއި އުފާވެރި ދިރިއުޅުމެއް ބިނާކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ނަފްސާނީ ބަލި ކަންބޮޑުވާ މިންވަރަކަށް އިތުރުވެ، އޭގެ ސަބަބުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ބާރުބޮޑުވެ އެހީތެރިކަން ހޯދަން ގިނަ ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިވެފައި ކަމަށެވެ.
އެހެންވެ އެ ކުންފުނިން ބޭނުންވަނީ، ތަޖުރިބާކާރުން އެއް ތަނަކަށް ގެނެސް، އެހީތެރިކަން ބޭނުންވާ މީހުންނަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭނެ މަގު ތަނަވަސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސެޝަން ވާނީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންނާއި، އާއިލީ މީހެއް ނުވަތަ ގާތް އެކުވެރިއެއް މި ބަލި ތަހައްމަލުކުރާތީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނާއި މި ބައްޔާ މެދު ހޭލުންތެރިވާން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ސެޝަނުގެ ތެރެއިން ތަޖުރިބާކާރުންގެ ވާހަކަތައް އެހުމުގެ އިތުރުން ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
މި ސެޝަނުގައި ބައިވެރިވެވޭނީ 700 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކައިގެންނެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.gle/aTWEuDe3NHgzGyru6
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް