ދާންދޫ ކައުންސިލުން ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލައިފިއެވެ.
ދާންދޫ ކައުންސިލަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލި ފުރަތަމަ ކައުންސިލެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ އެ އުސޫލު ވަނީ އިއްޔެ އާންމުކޮށް އަމަލުކުރަން ފަށާފައެވެ.
އެގޮތުން އެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން ދާންދޫގައި ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްކަތް ކުރެވޭނީ، ކޮންމެ މަސައްކަތު ދުވަހެއްގައި އެއް ގަޑިއިރުގެ ބްރޭކެއް ލިބޭ ގޮތަށް ކަމަށާއި ޖުމްލަ އަށް ގަޑިއިރު ކަމަށް ވެސް ކައުންސިލުން އެކުލަވާލި އުސޫލުގައި ކަނޑައަޅާފައި ވެއެވެ.
ދާންދޫގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގެދޮރު އިމާރާތްކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250ރ. – 300 ރުފިޔާއާއި ދެމެދުގެ އަދަދެކެވެ.
އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދުވާލަކު 250ރ. - 800ރ. ދެމެދުގެ އަދަދެއް ކަނޑައަޅާފައި ވާއިރު އާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް ދެވޭނީ ދުވާލަކު 20ރ. - 150ރ. އާ ދެމެދުގެ އަދަދެއް ކަމުގައި އެ ޤަވާއިދުގައި ބުނެފައި ވެއެވެ.
އަދި ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10ރ. - 300ރ. އާ ދެމެދުގެ އަދަދެކެވެ. ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދެވޭނީ ދުވާލަކު 300 ރުފިޔާ ކަމުގައި އެ ޤަވާއިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުއްދަ ހޯދައިގެން ދާންދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެލި، ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތުގެ މަތިން ކޮންމެ ދޮންވެލި ބަސްތާއެއް ވިއްކޭނީީ 8 ރުފިޔާއަށް ކަމަށާއި ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާ އަށް ކަމަށް ބުނެފައި ވާއިރު ކޮންމެ ވެލި ބަސްތާއަކަށް 1 ރުފިޔާގެ ފީއެއް ރަށު ކައުންސިލަށް ދައްކަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ދާންދޫ ކައުންސިލުން ބުނީީ އެ ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ ހިލާފުވެއްޖެ ނަމަ، 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ފުލުހުންނާއި ހަވާލުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް