އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީތެރިކަން ކުރިން ހޯދި ނަމަ، ލަންކާ މިހާރު އޮތް އިޤްތިޞާދީ ހަލަބޮލިކަމުން ސަލާމަތް ވެވުނީސް ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު ނަންދަލާލް ވީރަސިންހަ މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަަށައް ގޮސް ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ފާއިތުވި މެއި މަހު އެ ޤައުމުގެ އެންމެ ބޮޑު ސިޓީ ކޮލަމްބޯގައި ކާބޯތަކެތީގެ އަގުުތައް ވަނީ %57.4 އަށް އުފުލިފައެެވެ.
ނަންދަލާލް ވީރަސިންހަ ބީބީސީ ނިއުސް ނައިޓަށް ވިދާޅުވީ ބޭރުގެ އެހީ ހޯދުން ލަސްކުރުމަކީ ލަންކާގެ ވެރިންގެ ގޯސް ނިންމުމެއް ކަމަށެވެ. އަދި
އަވަހަށް އައިއެމްއެފްއަށް ދާން ނިންމާ ދަރަނި ރީސްޓަކްޗާރ ކުރުމުގެ ޕްރޮސެސް އެއް އަހަރު ކުރިން ފެށިނަމަ ލަންކާގެ އިޤްތިޞާދީ ހާލަތު މެނޭޖް ކުރެވުނީސް ކަމަށެވެ.
ނަމަވެސް އައިއެމްއެފްގެ މަޝްވަރާތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްރީލަންކާއިން ޗައިނާއިން ނަގާފައިވާ ދަރަނީގެ 15 އިންސައްތަ ކަމަށް ލަންކާގެ ގަވަރުނަރު ވިދާޅުވެއެވެ.
އައިއެމްއެފްއިން ގެންގުޅޭ ސިޔާސަތުގައިވާ ގޮތުން އެހެން ޤައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރަނީސް އައިއެމްއެފުން އެހީތެރިކަން ފޯރުކޮށެއް ނުދޭނެއެވެ.
ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މިއީ 1948 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނުފަހުން ސްރީލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް