ތިމާއަށް ހައްގު ނޫން މުދަލެއްގައި ޖެހުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެއް ކަމުގައި މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ "ވާރުތަ މުދަލަށް ރައްކާތެރިވުން" މި މައުލޫއެވެ. މި މައުލޫއަށް ވަރަށް ފުޅާ ދާއިރާއެއްގައި އަދުގެ ހުތުބާގައި އަލި އަޅުވާލާފައިވެއެވެ.
އެގޮތުން މި މައުލޫ ފަށަމުން ހުތުބާގައި ބުނެފައިވަނީ މީހަކު މަރުވުމުން، އޭނާ ދޫކޮށްފައިދާ ތަރިކައަކީ، އެ ބަހާނެ އުސޫލުތަކަކާއި، ގަވާއިދުތަކެއް މާތް ﷲ ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށާއި ތަރިކަ މުދާ ބެހުމަށް، މާތް ﷲ ވަސިއްޔަތް ކުރައްވާފައިވާކަމަށެވެ. ވަސިއްޔަތަކީ، ތަންފީޒު ކުރެވެން ޖެހޭނެ އެއްޗެއް ކަމަށެވެ. މިކަމަށް ވަސިއްޔަތް ކުރައްވާ ފަރާތަކީ ﷲ ސުބްހާނަހޫ ވަތައާލާ ކަމަށްވާތީ، އެކަލާނގެ ވަސިއަޔަތް ތަންފީޒުކުރުމަށް މާބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
" ފަރުލު ފަސް ނަމާދަށް ބަލާއިރު، އެ ނަމާދުތަކުގެ ރަކްއަތްތަކާއި، އެހެނިހެން ތަފްސީލުތައް ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައެއް ނުވެއެވެ. ޒަކާތަށް ބަލާއިރު، ޒަކާތް ދައްކަން ޖެހޭ މުދަލުގެ ބާވަތްތަކާއި، މިންވަރުތައް ބަޔާންކުރައްވާފައެއް ނުވެއެވެ. ރޯދައާއި ހައްޖަށް ބަލާއިރުވެސް، އެ އަޅުކަންތަކުގެ ތަފްސީލުތައް ﷲގެ ވަހީ ބަސްފުޅުތަކުގައި އައިސްފައެއް ނުވެއެވެ. މިއާ ހިލާފަށް ތަރިކަމުދަލަށް ބަލާއިރު، ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާއަތުގައި، އެ މުދާ ބަހަންވީ ގޮތުގެ ތަފްސީލީ ގަވާއިދުތައް، މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. މި އާޔަތްތަކުން އެނގޭގޮތުގައި ތަރިކަމުދަލަކީ، އެ މުދާ ބެހުން މާތް ﷲ ފަރުލުކުރައްވާފައިވާ އެއްޗެކެވެ. އެއީ ހެޔޮކަމެއްގެ ގޮތުންކ ުރަންޖެހޭ ކަމެއްނޫނެވެ. ތަރިކަމުދާ ބެހުމުގެ މައްސަލައިގާ، އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބެގެނެއް ނުވެއެވެ. އެ މުދާ ބަހަންޖެހޭނީ، މާތް ﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކައަކީ، މާތް ﷲގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ހައްގަކަށް އަރައިގަނެގެނެއް ނުވާނެއެވެ. " ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ގުރުއާނުގެ ނިސާ ސޫރަތުގައި ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ބަޔާންކުރައްވާފައިވާ ތިން އާޔަތާއިމެދު ވިސްނައިލުން ރަނގަޅުކަމަށްބުނެ ހުތުބާގައި ބުނެފައިވަނީ މިއިން ކޮންމެ އާޔަތެއްވެސް ނިންމަވާފައިވަނީ، ﷲ ތައާލާއަށް ފުރިހަމަ އިލްމު ލިބިވޮޑިގެންވާކަން ބަޔާންކުރައްވަމުން ކަމަށާއި އެއިން އެނގެނީ ﷲ މި ބަޔާންކުރެއްވި ގަވާއިދުތަކަކީ، އިންސާނާގެ ތަބީއަތާއި، މިޒާޖާއި، ޖަޒްބާތުތަކަށް ރިއާޔަތްކުރައްވައި، ކަނޑައެޅުއްވި އިންސާފުވެރި ގަވާއިދުތަކެއް ކަން ކަމަށެވެ.
"އަހަރެމެންގެ ދުޝްމަނުން އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުުމަށްޓަކައި، ދައްކާ އަސާސެއް ނެތް ވާހަކަތަކުގެ ތެރޭގައި ތަރިކަ މުދާ ބެހުމުގައި، އިސްލާމް ދީނުގައި އަންހެނުންނަށް އަނިޔާވެރިވެފައިވާ ވާހަކަވެއެވެ. މާތް ﷲ ތަރިކަމުދާ ބެހުމަށް އަންގވާފައިވާ ގަވާއިދުތައް ބަދަލުކުުރމަށް އެމީހުން ގޮވައިލައެވެ. އިސްލާމްދީނުގެ އަދުއްވުންނާއި، އެމީހުންގެ ޖަލުގައި ޖެހިފައިވާ މީހުންނާއި، އެމީހުން ކޮޕީކޮށްގެން ބައިނަލްއަގްވާމީ މިންބަރުތަަކށް އަރާމީހުންނާއި، ސުލްހައިގެ ނޮބެލް އިނާމު ހޯދުމަށް ދަހިވެތިވާ މީހުންނާއި، އިސްލާމީ ޝަރީއަތުގައި، މާތް ﷲ ބަޔާންކުރައްވާފައިވާ ހުކުމްތަކުގެ ހިކްމަތާއި، މަހްފޫމުތައް ނޭނގޭ މީހުން، މި ބޭއިންސާފު ހަމަލާތައް ދިނުމުގައި އަވަދިނެތި އެމީހުނންގެ ހުރިހާ ވަގުތެއް ހޭދަކުރަމުންދާތަން ފެނެެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގެ ދުޝްމަނުން ކުރާ ބާތިލު ދައުވާތަަކުގެ ތެރޭގައި ތަރިކަމުދާ ބެހުމުގައި، އިސްލާމްދީން އަންހެނުން ނިކަމެތިކޮށްލާފައިވާ ވާހަކައަކީ ދޭތެރެ ދޭތެރެއިން ތިލަކުރާ ވާހަކައެއް ކަމަށާއި އެމީހުން އަންހެނުންނާ މެދު ވިސްނަމުންދަނީ ޖާހިލީ ޒަމާނުގެ މިންގަނޑުން ކަމަށެވެ. ތަރިކަމުދަލުގެ މައްސަލާގައި އިސްލާމްދީން، އަންހެނުންނަށް އަނިޔާވެރިވެފައިވާކަމަށް ދުޝްމަނުން ތުހުމަތު ކުރާކަމަށެވެ. އަދި މި ދަޅައިގައި ޖެހި، އާޝޯހުވެފައިވާ ބައެއް މުސްލިމުންވެސް، އަންބާގައި ބައިވެރިވަމުންދާތަން ފެންނަ ކަމަށެވެ. ތަރިކަމުދަލާބެހޭ ގޮތުން އިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލައިލުމުން، ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ، އަންހެން ފިރިހެން ވެގެން ނޫންކަން އެނގޭނެ ކަމަަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ތަރިކަމުދާ ބެހުމުގައި އޮތް އިސްލާމީ ފަލްސަފާއަށް ބަލާއިރު، އޭގައި އިލާހީ ހިކްމަތްތަކެއް ވާކަމަށްވެސް ބުނެފައިވެއެވެ. ތަރިކަމުދާ ބެހުމުގައި އޮތް އިސްލާމީ ފަލްސަފާއަށް ބަލާއިރު، އޭގައި އިލާހީ ހިކްމަތްތަކެެއް ވާކަމަށާއި ވާރުތަމުދަލާ ބެހޭ އިލާހީ ގަވާއިދާމެދު ފުންކޮށް ވިސްނައިގެން މެނުވީ، ﷲގެ މި ނިންމެވުންތަކުގެ އަމާޒުތައް ވިސްނައެއް ނުގަނެވޭނެ ކަމަށް ހުތުބާގައި ބުުނެފައިވެއވެ. އަދި ފިރިހެނަކަށް ދެބައި، އަންހެނަކަށް އެއްބައޭ ކިޔާފައި ފާޑުކިއިދާނެ ކަަމަށާއި އެކަމަކު މި ފާޑުކިއުމުން ބޭޒާރުވާނީ ހަމަ ތިމާ ކަމާއި އެއިން އެނގޭނީ ތިމާގެ ޖާހިލުކަމާއި އެ އިލްމުގައި ތިމާގެ ފުންނާބު ތިރިކަން ކަމަށް ބުނެފައިވެއެވެ. އަދި ތަރިކަ މުދަލާ ބެހޭ މައްސަލަތައް ދިރާސާކުރައްވާ ބޭފުޅުންގެ ހުލާސާތައް ބުނާގޮތުގައި ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބެނީ އެންމެ ހަތަރު ހާލަތުގައި ކަމާއި މި ހަތަރު ހާލަތަށްވުރެ، މާ ގިނަ ހާލަތްތަކުގައި އަންހެނާއަށާއި ފިރިހެނާއަށް ލިބޭ މިންވަރު އެއްވަރުވެފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއވެ. އަދި ދިހަވަރަކަށް ހާލަަތުގައި، ފިރިހެނާއަށް ލިބޭ މިންވަރަށްވުރެ، އަންހެނާއަށް ލިބޭ މިންވަރު އެއްވަރުވެ ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެ، ނުވަތަ އަންހެނާއަށް ލިބި، ފިރިހެނާއަށް ނުލިބޭ ހާލަތްތަކެއް ވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
" މައްޔިތާ ދުނިޔެ ދޫކުރުމުން އޭނާގެ ކަށުކަމާކެމީގެ ކަންކަމާއި، އޭނާގެ ދަރަނިތައް އަދާކޮށް، ވަސިއްޔަތްތައް ފުއްދަންޖެހެއެވެ. ތަރިކަ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭނީ މިކަންކަން ފުރިހަމަކުރުމަށްފަހު ބާކީ ހުރި އެއްޗެކެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވާގޮތުގައި ތަރިކަމުދަލާ ގުޅޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވަސިއްޔަތެވެ. މި ވަސިއްޔަތް ލިޔެ، ކަމާބެހޭ އިދާރާތަކުގެ އިޖްރާއާތުތަކާ އެއްގޮތަށް ރަޖިސްޓްރީ ކުރެވިފައި އޮންނަންވާނޭ ކަމާއި ތަރިކަމުދާ ބެހޭނީ، މި ވަސިއްޔަތް ފުއްދުމަށް ފަހުގައި ކަމާއި ތަރިކަ މުދަލުން ވަސިއްޔަތްކުރެވޭނީ، އެ މުދަލުގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ ވާރުތަވެރިއަކަށް ދިނުމަށް ޝަރްއުކުރައްވާފައިވާ މިންވަރުގެ އިތުރަށް، ވާރުތަ މުދަލުން ބައެއް ދިނުމށް، ވަސިއްޔަތެއް ނުކުރެވޭނެ ކަމަށާއި އެއީ ވަކި ވާރުތަވެރިއަކަށް، ވާރުތަ މުދަލުން ބައެއް ދިނުމަށް ވަސިއްޔަތްކޮށްފިނަމަ އެހެން ވާރުތަވެރިންގެ ހައްގުތައް ގެއްލިދާނެކަމަށްޓަކައި ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
" ތަރިކަމުދާ ބެހުމުގައި މައްސަލަ އުފެދޭ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، ޝަރްއުކުރައްވާފައިވާ މިންވަރަށްވުރެ އިތުރަށް މައްޔިތާގެ ވަކި ވާރުތަވެރިއަކަށް ނުވަތަ ވަކި ދަރިއަކަށް ވާރުތަ މުދަލުން ދިނުން ހިމެނެއެވެ. އެހެން ވާރުތަވެރިންނަށް ނުވަތަ އެހެން ދަރިންނަށް މިކަން އެނގިފައިނުވާނަމަ މިއީ މައސަލައެކެވެ. މި ހާލަތުގައި، މިފަދައިން ދައުވާކުރާ ވާރުތަވެރިޔާގެ ދައުވާ ސާބިތުކޮށްދޭންޖެހޭނެއެވެ. މިފަދަ ދައުވާތައް ސާބިތުކޮށް ނުދެވިއްޖެނަމަ އާއިލާގެ ތެރޭގައި ދެބަސްވުންތަކާއި، އަރާރުންތައް އުފެދިގެންދާނެއެވެ. ހަމަ އެފަދައިން ތަރިކަމުދާ ބެހުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި، ވަކި ދަރިއަކަށް ނޫނީ އޭނާގެ މުދާތަކުގެ މިންވަރާއި، ހުރި ތަން ނޭނގުން ވެއެވެ. މިކަމުގެ ސަބަބުން ސައިތާނާގެ ވަސްވާހުގައި ޖެހި، އެ މުދަލުން ބައެއް އޭނާ ފޮރުވައި، އެއިން އެހެން ވާރުތަވެރީނ މަހްރޫމު ކުރަމުންދެއެެވެ. މުދާ ބެހުން ފަސްކުރުމަކީވެސް ތަރިކަމުދާ ބެހުމުގައި ދިމާވާ މައްސަލައެކެވެ. ތަރިކަމުދާ ނުބަހައި، އެތައް މަހެއް ނުވަތަ އެތައް އަހަރެއް ފާއިދުވެ ހިނގައިދާނެއެވެ. ވާރުތަވެރީންގެ ތެރޭގައި ބާލިގުނުވާ ކުޑަ ކުދީން ތިބުމުން، މިފަދަ ހާލަތްތަކުގައި އުފެދޭ މައްސަލަތައް އިތުރުވެގެންދެއެވެ. އެކުދިންނަށް ވާރުތަ މުދަލުން ލިބެންޖެހޭ އެއްޗެއް ނުލިބުމުގެ ސަބަބުން، އެކުދިން ހާލުގައި ޖެހި، މަގުމަތިވެގެންދާ ތަން ފެނެއެވެ. ތަރިކަމުދާ ބެހުން ލަސްކުރުމުގެ ސަބަބުން ބައެއް ފަހަރަށް ބައެއް ވާރުތަވެރީން މަރުވެ، ވާރިސުންނަކީ ކޮބައިކަން ނޭނގި މުދާ ބެހުމަށް ދަތިތަކާ ކުރިމަތިވެއެވެ." ހުކުރު ހުތުބާގައި ބުނެފައިވެއެވެ.
ތަރިކަމުދާ ބެހުމުގައި މައްސަލައުފެދޭ ކަންތައްތަކުގެ ތެރޭގައި ކުއްޔަށްދޭ ތަންތަން ބެހުން ފަސްކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވާކަމަށާއި ބައެއް ފަހަރަށް އެފދަ ބައެއް ހަރުމުދާ ބޭންކުގައި ހުރި އެކައުންޓްތަކާ ކުޅުމުގެ ސަބަބުން އަހުންނާއި އުހްތުންނާ ދެމެދު ދެބަސްވުންތައް އުފެދި، ތިމާގެކަމުގެ ގުޅުން ކެނޑިގެންދާކަން ހުތުބާގައި ފާހަަގަކޮށްފައިވެއެވެ. އަދި އެހެންކަމުން ވާރުތަވެރިޔާ ދޫކޮށްފައިވާ ތަރިކަ، މާތް ﷲ އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެގަތުމަށް ގޮވާލާފައިވެެއެވެ. ތަރިކަމުދާ ބެހުމަށް އަވަސްވެގަތުމަކީ، ގާތްތިމާގެ ކަމުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމެކެވެ. މި ގުޅުން ދެމިއޮތުމުގެ އެހީވެދޭ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
" ތަރިކަމުދަލަށް އަރައިގަނެވޭ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރެއިން އެއް ކަމަކީ އީމާންކަން ބަލިކަށިވުމެވެ. ނަމާދު ކުރިޔަސް ރޯދަ ހިފިޔަސް ގުރުއާން ކިޔަވައި އުޅުނަސް ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އޭނާގެ އީމާންކަން ބަލިކަށި މީހެކެވެ. ﷲ ގެ ދުޝްމަނުންނާ އެއްފަދަ މީހެކެވެ. ތަރިކަމުދާ ނުހައްގު ގޮތުގައި ކާމީހަކީ ދުލުން އެހެން ނުބުންޏަށް އަމަލުން އެހެން ބުނާ މީހެކެވެ." ހުކުރު ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ ނިންމާލަމުން ބުނެފައިވަނީ ތަރިކަމުދަލުގައި ޖެެހެވޭ ސަބަބުތަކުގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިއުން ވާކަމަށާއި އެކަމާހެދި އެހެން ވާރުތަވެރީންގެ ހައްގަށް އަރައިގަނެވެނީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް