ފީއަލި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ފ.ފީއަލި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު ...

17 Jun 2022 | 05:20

ފ.ފީއަލި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި މި ސަރުކާރުން ފީއައްޔަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަމުގައި ކައުންސިލުން ވިދާޅުވެ އެކަމަށްޓަކައި ރައީސްއަށާއި މި ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ، ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މިގޮތުން، ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫޢޫއާއި، ޞިއްޙީ މަރުކަޒުގެ މަޝްރޫޢު އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާ، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާއި، އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ޤާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި، ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްކުރިޔަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާލިބުމަކީ ރަށްރަށް ތަރައްޤީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއްކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ބިން ހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް