ނަފްރަތުގެ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިން ސޮއިކުރައްވާ، ޢިލްމުވެރިންގެެ ޖަމުއިއްޔާގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެ ޕެޓިޝަންގައި ވަނީ، ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި ސެކިއުލަރ ހަރަކާތްތައް މި ގައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލް އަގުވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަގީގަތްކަން ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބަ އޮތް ކަމަށް ޢިލްމުވެރިންގެ ޖަމުޢިއްޔާގެ ޕެޓިޝަނުގައި ވެއެވެ.
މީގެ އިތުރުން، އެފަދަ ހާލަތުގައި ވެސް ދީނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާއްމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާއުގައި ތެދުވާ މީހުންނަށް ދައުވާ އުފުލޭނެ ގޮތަށް އޮތުމަކީ މި ވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ބުނެއެވެ.
މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ޚުދު ރައީސަށް ވެސް ދެއްވެން ނޯންނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން އިލްތިމާސް ކޮށްފައި ވެއެވެ.
"ވީމާ ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލް އަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ނަފްރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަން" އެޖަމްއިއްޔާއިން ރައީސަށް ފޮނުވި ޕެޓިޝަނުގައި ބުނެފައިވެއެވެ.
އެ ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލެވެ.
އެ ބިލް އަނބުރާ ނެގުމަށް، މިހާތަނަށް ވެސް ރާއްޖޭގެ85 ކައުންސިލަކުން ނޫސްބަޔާން ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް