ސްޕޮންސަރ ފުޅިތައް ދުރަށް ނުލުމަށް ޔުއެފާއިން ކުޅުންތެރިންނަށް އަންގައިފި

ސްޕޮންސަރ ފުޅިތައް ދުރަށް ނުލުމަށް ޔުއެފާއިން ކުޅުންތެރިންނަށް އަންގައިފިއެވެ. ޕްރެސްގައި ކުރިމަތީ ބަހައްޓާފައި ހުންނަ ފުޅި ދުރައްލާން ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެންކަމުން ޔުއެފާއިން ވަނީ، ޕްރ...

17 Jun 2021 | 16:45

ސްޕޮންސަރ ފުޅިތައް ދުރަށް ނުލުމަށް ޔުއެފާއިން ކުޅުންތެރިންނަށް އަންގައިފިއެވެ.

ޕްރެސްގައި ކުރިމަތީ ބަހައްޓާފައި ހުންނަ ފުޅި ދުރައްލާން ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެންކަމުން ޔުއެފާއިން ވަނީ، ޕްރެސް ކޮންފަރެންސް ޕްލެޓްފޯމްގައި ބަހައްޓާފައިވާ ސްޕޮންސަރުންގެ ފުޅިތައް ދުރަށް ނުލުމަށް ޔޫގަބައި ކުޅޭ 24 ޓީމަށް އަންގާފައެވެ.

ހޯމަ ދުވަހު މެޗް ކުޅުމުގެ ކުރިން، ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯވަނީ އޭނާގެ ކުރިމަތީގައި އިން ދެ ކޯކްފުޅި ދުރަށް ލާފައެވެ. އަދި ކައިރީގައި އިން ފެންފުޅި ނަގައި، ބޯންވީ ފެން ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯގެ ފަހުގައި ޕައުލް ޕޮގްބާއާއި މަނުުއަލް ލޮކެޓަލީވެސް ވަނީ ސްޕޮންސަރުންގެ ފުޅި ޕްރެސް ކޮންފަރެންސް ޕްލެޓްފޯމުން ދުރަށްލާފައެވެ.

ޕޮގްބާއަކީ މުސްލިމު ކުޅުންތެރިއަކަށް ވުމުން، ޕޮގްބާ ވަނީ ޕްރެސްގައި ބަހައްޓާފައި ހުރި ބިޔަރު ފުޅިއެއް ދުރަށްލާފައެވެ. އެ ބިޔަރު ފުޅިއަކީ އަލްކަހޯލްގެ އެއްވެސް އިންސައްތައެއް ނުހިމެނޭ 'ނޮން-އަލްކަހޮލިކް' ފުޅިއެއްކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.

ޔޫރޯ 2020 ގެ ޑިރެކްޓަރ މާޓިން ކެލެން ބުނެފައި ވަނީ، އެ މައްސަލައިގައި ޓީމުތަކާ ވާހަކަ ދައްކާފައި ވާ ކަމަށެވެ. ސްޕޮންސަރ ޓީމްތަކަށް ލިބޭ އާމްދަނީ، މުބާރާތަށާއި ޔޫރަޕްގެ ފުޓްބޯޅައަށް މުހިންމުވާނެ ކަމަށް ކެލެން ބުނެފައި ވެއެވެ.

ކޮކާ ކޯލާއާއި ހެއިނެކަން ހިމެނެނީ ޔޫރޯ ގައި އެންމެ ބޮޑުކޮށް ސްޕޮންސަރ ކުރާ12 ސްޕޮންސަރުންގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް