ގެދޮރުވެރިޔާ ސްކީމަކީ މިހާތަނަށް ބޯހިޔާވަހިކަމަށް އިޢުލާނުކުރި އެންމެ ލުއިފަސޭހަ ލޯނު ސްކީމް: މަބްރޫކް

ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ ލުއިފަސޭހަ ލޯނު ސްކީމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގ...

17 Jun 2021 | 13:15

ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ ލުއިފަސޭހަ ލޯނު ސްކީމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރު މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢޫލޫމާތުތައް މިއަދު މީޑިޔާ ދެއްވަމުން މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ މިހާކުޑަ އިންޓަރެސްޓް ރޭޓްގައި މިހާ ފަސޭހައިން ލޯނު ލިބި، ލޯނު ދައްކަން ދިގުމުއްދަތެއް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ ރަށްރަށުގައި ގެދޮރުވެރިކަން ބިނާކުރުމަށް ފަސޭހައިން ލޯނު ލިބުމަކީ، ސަރުކާރުގެ ޖަރީރާވަންތަ ދިރިއުޅުމުގެ ސިޔާސަތުގެ ވިސްނުމުގެ ތެރެއިން، މާލެއަށް އެންމެން އެއްފަސްކުރުމުގެ ބަދަލުގައި ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުމަށް ކުރެވޭ ކަމެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މި ލޯނު ސްކީމުގެ އިތުރު ތަފްޞީލުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ ލޯނު ނެގުމުގައި ދެ ފަރާތެއް ބައިވެރި ވެވޭގޮތަށް އޮތުމުގެ އެންމެބޮޑު ބޭނުމަކީ ލޯނަށް ޒިންމާނަގާ ގެރެންޓަރއެއްގެ ގޮތުގައި ދެވަނަ ފަރާތެއް ބައިވެރިވެވޭގޮތް ހެދުންކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންނަށް މަޢޫލޫމާތުދެއްވަމުން މަބްރޫކް ވަނީ ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ ކުލި ކަނޑައެޅުމުގައި ހިސާބުތައް ހަދާފައިވާ ގޮތް އިތުރަށް ތަފްޞީލުކޮށްދެއްވާފައެވެ.

މި މަޢުލޫމާތުތައް ދެއްވުމަށް މަބްރޫކްއާއެކު މި ޕްރެސް ކޮންފަރެންސްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަޙްމަދު ޝާމް ބައިވެރިވެލެއްވިއެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ އަގުބޮޑުވެފައި ވަނީ އެ ޕްރޮޖްޓަކީ އެ ޕްރޮޖެކްޓްގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރިއިރުވެސް އަގުބޮޑުކޮށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކަށް ވުމުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ މިހާރު އެންމެބޮޑަށް ވާހަކަދެކެވޭ ހިޔާ ޕްރޮޖެކްޓްގެ ފިނިޝިންގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަބްރޫކް ވަނީ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީވެސް ޕްރޮޖެކްޓްގެ ސްކޯޕްގައި އެ އެ މަސައްކަތްތައް ނުހިމަނާކަން ހާމަކުރައްވާފައެވެ.

މާލެ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 11000 ހައުސިންގ ތެރެއިން 25-30 އިންސައްތަ ހައުސިންގ ޙާއްޞަކުރެވިގެންދާނީ ކައުންސިލު ހައުސިންއަށް ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް