މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނުމަކީ ގާނޫނީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅީ އިސްލާމިކް މިނިސްޓްރީ އާއި މަޝްވަރާ ނުކޮށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލު ދިރާސާ ކުރުމަށް ފަހު އަންނަ ހޯމަ ދުވަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އިސްލާހަށް ގިނަބައެއްގެ ފަޑުކިޔުން އަމާޒުވެފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ބައެއް ވެރިންވެސް ދަނީ ސޯޝަލް މީޑިއާގައި ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެކަމަކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިހާތަނަށް މިކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެކަމަކު މިއަދު އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ ނަފުރަތުގެ ބިލު ހުށަހެޅުމުގެ ކުރިން މިނިސްޓްރީ އާއި އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މި ބިލާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަސް ލިޔުމުން ހޯދަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވެ އެވެ. އެ މިނިސްޓްރީގެ އިތުރުން ކޮމިޓީން ހިޔާލު ހޯދަނީ ޕީޖީ އާއި އެޗްއާރުސީއެމުންނެވެ.
ބިލުގެ އިބްތިދާއީ ބަހުސްް ނިންމައި އެ ބިލް ބަލައިގަތުމަށް މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭހެން 17 މެމްބަރަކު ވޯޓު ދެއްވި އެވެ.
މި ބިލު ފާސްވެއްޖެ ނަމަ ރަސޫލާއަށް ފުރައްސާރަ ކުރުމުގެ މަހު ފަހިވާނެ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. އަދި އިސްލާމް ދީނާއި ދެކޮޅު ހިޔާލު ފާޅުކޮށް ހަދާ މީހުން ހިމާޔަތް ކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް