70،000 ރުފިޔާގެ މުސާރައެއްގައި ހެލްތު ސާވިސް ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަނީ

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ. މި މަގާމު އަދާ ކުރާ މީހާއަކީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިނ...

17 Jun 2021 | 08:35

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

މި މަގާމު އަދާ ކުރާ މީހާއަކީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް ބޭފުޅާ އެވެ. އެހެންވެ ސިވިލް ސާވިސްގެ މަގާމްތަކަށް ބަލާއިރު މިއީ އެންމެ ބޮޑެތި މުސާރަ ދޭ އެއް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމެކެވެ.

ސީއެސްސީގެ އިއުލާނުގައި ވާގޮތުން މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 54،430 ރުފިޔާ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާ ލިބެ އެވެ.

މި މަގާމަށް މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ ކަމަށް އިއުލާންގައި ބުނެފައި ވެ އެވެ.

މި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތިލާ މީހާއަކީ ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް އޮންނަ މީހަކަށް ވާންޖެހޭނެއެވެ. އަދި އެމީހަކީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ މީހެއްކަށް ވުމުގެ އިތުރުން ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާން ޖެހެއެވެ.

މިމަގާމުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުމެވެ.

މީގެ އިތުރުން ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާ އިރުޝާދުދިނުމަކީ ވެސް މިމަގާމާއި ހަވާލުވާ ބޭފުޅެއްގެ ޒިންމާއެކެވެ.

މި މަގާމުގައި ކުރިން ހުންނެވީ ޑރ. ޝީޒާ އަލީ އެވެ. އޭނާ ވަނީ މި މަގާމުގެ ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް