އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

އިސްރާއީލުން ރާއްޖެއިން ސީދާ ވައިގެ ދަތުރުތައް ފަށާ ވާހަކަ ޓްރާންސްޕޯޓު މިނިސްޓްރީން ދޮގުކޮށްފި އެވެ. އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަ ކުރީ އެ ގައުމުގެ ނޫސްތަކު...

17 Jun 2021 | 07:04

އިސްރާއީލުން ރާއްޖެއިން ސީދާ ވައިގެ ދަތުރުތައް ފަށާ ވާހަކަ ޓްރާންސްޕޯޓު މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަ ކުރީ އެ ގައުމުގެ ނޫސްތަކުގައި އެވެ. ރިޕޯޓުތައް ބުނާގޮތުގުައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

މިކަމާއި ގުޅިގެން މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ އާއި އިސްރާއީލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް ދެގައުމުގެ ދެމެދުގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދެވިފައިނުވާއިރު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވެސް ނުވާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހުއްދަ ދިނުމަށް ސަރުކާރުން ވިސްނާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރަން ވެސް ނިންމާފައި ނުވާ ކަމަށެވެ.

އިސްރާއީލްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުތަކަކީ އެއާ ސީޝެލްސްއިން ކުރާ ދަތުރުތަކެކެވެ. އަދި މި ދަތުރުގައި އިސްރާއީލުން ރާއްޖެ އައުމުގެ ކުރިން އެއް ގަޑިރިއު ސީޝެލްސްގައި މަޑު ކުރާނެ އެވެ.

އެހެން ކަމުން މިއީ ސީދާ ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރަކަށް ނުވާނެ އެވެ. އެކަމަކު އިސްރާއީލުގައި މި ދަތުރުތައް ޕްރޮމޯޓު ކުރަނީ ސީދާ ދަތުރުގެ ނަމުގައި އެވެ. ދަތުރާއި އެކު އަގުހެޔޮ ޗުއްޓީ ޕެކޭޖުތަކެއް މި ދަތުރުތައް ކުރާ ފާޜަތްތަކަށް ވަނީ ހުޅުވާލާފައި އެވެ.

އެއާ ސީޝެލްސްއިން ކުރާ މި ދަތުރުތައް އަދި ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު ހަޔަކުން އޮކްޓޯބަރު ހަތަރަކަަށެވެ. ޓިކެޓެއްގެ އަގަކީ 995 އެމެރިކާ ޑޮލަރެވެ.

މި ދަތުރުތަކަކީ އިސްރާއީލްގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަގުބޫލު ވަމުން އަންނާތީ އެ ގައުމުގެ ޓްރެވެލް އެޖެންސީ އަކާއި ގުޅިގެން އެއާލައިނުން ކުރަން ނިންމާފައިވާ ދަތުރުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް