އާންމު ގޮތެއްގައި ނެތިމޮށެނީ އަންހެނުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ބޭރުގެ ޔުނިވާސިޓީއެއް ކަމަށްވާ މިޗިގަން ޔުނިވާސިޓިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ނެތިމޮށުމުގައި ފިރިހެނުން ވެސް އުޅެނީ އަންހެނުންނާއި ދާދި އެއް ހަމައެއްގައެވެ. އެކަމަކު، ފިރިހެނުންނަށް ވުރެ ނިސްބަތުން މިކަމުގައި އުޅޭ އަންހެނުން ގިނަ ކަމަށް އެ ދިރާސާއިން ދައްކައެވެ.
މިޗިގަން ދިރާސާއިން ހާމަވެފައިވާ ގޮތުގައި، އަންހެނަކު ގަޑިއިރަކު 18 ފަހަރު ކޮންމެ ވެސް މީހެއްގެ ވާހަކަ ދައްކައެވެ. އެ މީހުންގެ ވަގުތުގެ ގާތްގަނޑަކަށް 50 އިންސައްތަ ހޭދަކުރަނީ މި ކަމުގައެވެ. އަންހެނުން ގިނައިން ނެތިމޮށެނީ އެ މީހުން ގަޔާވާ މީހުންނާއި ގުޅޭގޮތުންނެވެ. އެކަމަކު މިއާއި ޚިލާފަށް ފިރިހެނުން އެ މީހުން ގަޔާވާ މީހުންގެ ވާހަކަ މާ ބޮޑަކަށް ނުދައްކައެވެ.
މީހުންގެ ނުބައި ވާހަކަ ދެއްކުމާއި "ނެތިމޮށުން" އެއީ ދިވެހިންގެ ވެސް ކަށީގައި ހިފާފައިވާ އާދައެކެވެ. ކަންކަން މަތީގައްޔާއި ޖޯލިފަތި ހޮޅުއަށިތަކުގައި މީހެއްގެ ވާހަކަ ނުދައްކާ އިރެއް ނުދެއެވެ.
މިއީ ހަގީގަތުގައި އިންސާނީ ތަބީއަތުގައި ހުންނަ އެންމެ ވިޔާނުދާ އެއް ސިފައެވެ. އެންމެ ގާތުގައި އުޅޭ މީހާވެސް، ތިމާއާއި ދުރަށް ޖެހިލާއިރަށް، ނުވަތަ ފަސްއެނބުރިލާއިރަށް އެމީހެއްގެ ކިބައިގައި ހުންނަ އައިބުކަމެއްގެ ވާހަކަ ދައްކާނުލާ ހަމަ ނުހުރެވެނީއެވެ.
ޣީބަ ބުނުމަކީ ކިހާ ނުބައި ކަމެއް ކަމާމެދު މި ދެންނެވި ނެތިމޮށޭ މީހުން ވިސްނައެއް ނުލައެވެ.
މީހަކު ނެތް ތަނެއްގައި އެ މީހެއްގެ ވާހަކަ ދައްކާ ނަމަ އޭނާގެ ކޮންމެވެސް ރަނގަޅު ވާހަކައެއް ދެއްކޭތޯ ބަލާށެވެ. ނޫނީ ހަނު ހުންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް