އިސްރާއީލާއި ދިވެހިރާއްޖެއާއި ދެމެދު ފުރަތަމަ ފަހަރަށް ސީދާ ވައިގެ ދަތުރުތައް ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފިއެވެ.
އިސްރާއީލްގެ ޓްރެވަލް އެޖެންސީ، "ކެމިނޯސް" އިން މިހާރު ގެންދަނީ ދިވެހިރާއްޖެއަށް ދަތުރުކުރަން ބޭނުންވާ އިސްރާއީލްގެ ފަތުރުވެރިންނަށް ޓިކެޓް ވިއްކަމުންނެވެ. އަދި ދިވެހިރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖްތަކެއް ވެސް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ.
ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ދިވެހިރާއްޖެއަށް ވައިގެ ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހުއެވެ. ދަތުރުތައް ކުރިއަށް ގެންދަން އަދި ޝެޑިއުލް ކޮށްފައި އޮތީ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އެއާ ޝީޝޭލް އިންނެވެ.
މި ދަތުރުތަކުގެ ހަބަރު ވަނީ އިސްރާއީލްގެ ނޫސްތަކުގައިވެސް ޖަހާފަ އެވެ.
މި ދަތުރުގެ ޓިކެޓެއް ވިއްކަނީ 995 އެމެރިކާ ޑޮލަރަށެވެ. އަދި އިތުރު ޕެކޭޖްތަކެއްގެ އަގު އުޅެނީ 1750 އެމެރިކާ ޑޮލަރުން މަތީގައެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް އިސްރާއީލުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށަން މަޝްވަރާ ކުރެވުނެވެ. އެފަހަރު މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިސްރާއީލްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ކުރާށެވެ. އެކަމަކު އެ ފަހަރު އެކަން ކުރެވޭ ގޮތެއް ނުވިއެވެ.
ފަލަސްތީނާ މެދު އިސްރާއިލުން ގެންގުޅޭ ހަރުކަށިކަމާއި ލާއިންސާނިއްޔަތު ކަމުގެ ސަބަބުން ދިވެހިރާއްޖޭން އިސްރާއިލާ މާ ބޮޑަށް ގުޅުން ބަދަހި ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް