އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އާގްރާގައި ހުންނަ އާސާރީ ބިނާ އަދި ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބުގެ ގޮތުގައި ހިމަނާފައިވާ ތާޖް މަހަލް އަލުން ހުޅުވައިފި އެވެ.
އިންޑިއާގައި ކޯވިޑް ފެތުރެން ފެށުމާއި އެކު ތާޖް މަހަލް އެންމެ ފުރަތަމަ ބަންދު ކުރީ މިދިޔަ އަހަރުގެ މާޗް މަހު އިންޑިއާ ލޮކްޑައުނަށް ދިޔުމުންނެވެ. ފަހުން މިދިޔަ އަހަރު ސެޕްޓެމްބަރުގައި ހުޅުވާލުމަށް ފަހު އަނެއްކާވެސް ބަންދު ކުރީ މިދިޔަ އޭޕްރިލް މަހުގެ މެދު ތެރޭގައި އެވެ.
އަގްރާ ސަރުކާރުން ބުނީ ތާޖް މަހަލް އާންމުންނަށް ހުޅުވާލީ އިއްޔެ ކަމަށެވެ. އެއް ފަހަރާ އެތަނަށް ވަދެވޭނީ 650 މީހުންނަށް ކަމަށާއި އެންމެން އުޅެން ޖެހޭނީ އިޖްތިމާއީ ގައިދުރު ކަމުގައި ކަމަށް ބުނެ އެވެ.
އެއް ފަހަރާ ވަދެ އުޅޭ މީހުން އުޅެނީ އިޖްތިމާއީ ގައިދުރު ކަމުގައިތޯ ބަލަން ޓީމުތައް ހަރަކާތްތެރިވާއިރު އެކި ސަރަހައްދުތަކުގައި މޮނިޓާ ހަރުކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ. އަދި ތާޖް މަހަލްގެ އެއްވެސް ތަނެއްގައި އަތް ލުމަކީ މަނާ ކަމެކެވެ.
ތާޖް މަހަލްއަށް ވަނުމަށް ޓިކެޓު ނަގަން ޖެހެނީ އޮންލައިންކޮށެވެ. އާގްރާ ސަރުކާރުން ބުނީ ދުވާލަކު ފޯނަކުން ބުކް ކުރެވޭނީ ފަސް ޓިކެޓު ކަމަށެވެ. ތާޖް މަހަލްގައި ސެލްފީ ނެގުމުގެ ހުއްދަ އޮތަސް ގިނަ މީހުން ބޮނޑިވެގެން ފޮޓޯ ނެގުމަކީ ކޯވިޑްގެ ހާލަތުގައި މަނާ ކަމެކެވެ.
ތާޖް މަހަލްއަށް އާންމުކޮށް ކޮންމެ ދުވަހަކު 70،000 މީހުން ޒިޔާރަތް ކުރެ އެވެ. އަދި އަހަރަކު އަށް މިލިއަން މީހުން އެތަނަށް ޒިޔާރަތް ކުރެ އެވެ.
ކޯވިޑްގެ ކުރިން އެންމެ ފަހުން ތާޖްމަހަލް ބަންދުކޮށްފައިވަނީ އެ ބިނާ ހުންނަ އިންޑިއާގެ އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި އެވެ.
ތާޖް މަހަލް ބިނާކުރީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލްގެ ހަނދާނުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް