އިއްސެ މަރާލި މައްސަލައިގަ ފަސް ބިދޭސީން ހައްޔަރުކޮށްފި

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓު ތެރޭގައި މަރާލާފައި އޮއްވަ އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ) 54، މަރާލި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގ...

17 Jun 2017 | 06:43

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓު ތެރޭގައި މަރާލާފައި އޮއްވަ އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ) 54، މަރާލި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ފަސް ބިދޭސީން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގިތުގައި ހައްޔަރު ކުރި ފަސް ބިދޭސީންގެ ތެރޭގައި އެ ތަނުގައި އިއްސެ އާއި އެކު މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު ހިމެނެ އެވެ. އަދި އޭނާ އިއްސެ މަރުވުމުގެ ދެ ދުވަސް ކުރިން އެތަނުން ފިލާފައިވާކަމަށާއި އިއްސެ މަރާލާފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އިހަވަންދޫ ކައުންސިލުން ކޮށްފައިވަނިކޮށެވެ.

އެ ރަށު ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ ބިދޭސީ މީހާއަށް ޝައްކު ކުރެވުނީ ފިލައިގެން އިހަވަންދޫގައި އުޅުމަށްފަހު އިއްޔެރޭ ދަންވަރު ޑިންގީއެއްގައި އޭނާ ހޯރަފުށްޓަށް ދިޔަކަން ބަޔަކަށް އެނގުމުން ކަމަށެވެ.

ފުލުހުންގެ ފޮރެންސިމް ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާއިރު މައުލޫމާތު ލިބިފައިވާގޮތުގައި އިއްސެގެ ހަށިގަނޑު އޮތީ އަދިވެސް އިހަވަންދޫގައި ބާއްވާފައި އެވެ. އަދި އޭނާގެ އާއިލާއިން ވަނީ އެ ރަށަށް ގޮސްފައި އެވެ. އައިސް ޕްލާންޓުގައި މަސައްކަތް ކުރާ އިއްސެ އަކީ ޅ. ހިންނަވަރު މީހެކެވެ.

އިއްސެ މަރާލާފައި އޮއްވަ ފެނުނީ އިއްޔެ ހަވީރު 4:15 ހާއިރު އިއްސެގެ ހަބަރެއް ނުވެގެން އެ ތަނުގައި މަސައްކަތް ކުރާ އެ ރަށު މުވައްޒަފުން ފުލުހުންނަށް ރިޕޯޓު ކުރުމުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އެވެ. ޒަހަމްތަކާއި އެކު އިއްސެ މަރާލާފައި އޮއްވަ ފެނުނީ ހަނި ދޭތެރެއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް