ހޫތީ ހަނގުރާމާގައި މިހާތަނަށް ކުށެއް ނެތް 11،000 މީހުން މަރުވެފައިވޭ

ހޫތީ ހަނގުރާމަވެރިންނާއި ސަލޭހު ޖަމާޢަތުގެ މީހުން 2014 ވަނަ އަހަރު ފެށިގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް ކުށެއް ނެތް 11،000 މީހުން މަރުވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ހާމަކޮށްފި ...

17 Jun 2017 | 04:15

ހޫތީ ހަނގުރާމަވެރިންނާއި ސަލޭހު ޖަމާޢަތުގެ މީހުން 2014 ވަނަ އަހަރު ފެށިގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް ކުށެއް ނެތް 11،000 މީހުން މަރުވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ޔަމަނުގެ ހިއުމަން ރައިޓްސްގެ ވަޒީރު މުހައްމަދު އަކްސަރު ވިދާޅުވީ އެ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 11،251 މީހަކު މަރާލާފައިވާ ކަމަށެވެ. އޭގެތެރޭގައި 1080 ކުޑަކުދިންނާއި، 684 އަންހެނުން ހިމެނެ އެވެ.

އަކްސަރު ވިދާޅުވީ ހަމައެކަނި މިއަހަރުވެސް 500 މީހުން މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އަށް ނޫސްވެރިއަކުވެސް ވަނީ މަރާލާފަ އެވެ.

އޭގެއިތުރުން މި އަހަރުގެ ތެރޭގައި 1930 މީހުން ރަހީނުކޮށް، 400 މީހުން ވަނީ ވީނުވީ އެއް ނޭނގި ގެއްލިފަ އެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 18.734 މީހަކު ރަހީނުކޮށްފައިވެ އެވެ.

މީހުން ދިރިއުޅެމުންދިޔަ 64 ގެއެއް މި އަހަރު ތެރޭގައި ބިމާ ހަމަކޮށްލިއިރު، ހަނގުރާމާގައި ކުޑަކުދިން ބައިވެރި ކުރުން އަންނަނީ އިތުރުވަމުން ކަމަށް އަކްސަރު ވިދާޅުވި އެވެ.

ހޫތީންނާއި ސަލޫހު ޖަމާޢަތުގެ މީހުން ޔަމަނު ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަން ފެށީ 2014 ވަނަ އޭރު ޔަމަނުގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށް ޔަމަނުގެ ރައްޔިތުން ހަޅުތާލުކުރަން ފެށި ހިސާބުން ނެވެ.

އޭގެފަހުން 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސައުދި ޢަރަބިއްޔާގެ ޖަމާޢަތަކުންވެސް ވަނީ ޔަމަނުގެ ސަރުކާރު ދިފާޢު ކުރުމަށް އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހަރާކާތްތެރިވުމަށް ޔަމަންގެ ސަރުކާރަށް އެހީތެރިކަން ދީފަ އެވެ. އަދި ފަހުން އީރާނުންވެސް ވަނީ އެ ކަމުގައި ޔަމަނުގެ ސަރުކާރަށް ވާގިވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް