ސިވިލް ސާވެންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން ނުކެނޑޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ކަނޑައަޅައިފި އެވެ.
ޓްރައިބިއުނަލުން އެ ގޮތަށް ނިންމީ، ފިޝަރީޒް މިނިސްޓްްރީގެ ސީނިއަ ޕްރޮޖެކްޓް އޮފިސަރެއްގެ ވަޒީފާ އަދާކުރާ، ރ. މަޑުއްވަރީ ގުލްފާމްހިޔާ، ނަސީފް މުހައްމަދު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ނުވައެއްގައި ހުށަހެޅި އެ މައްސަލައިގައި ނަސީފް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހު އޭނާ ބަލިވެގެން ސަލާމުގައި ހުރި ދުވަހަކަށް، ސާވިސް އެލަވެންސުން 66.67ރ. ކަނޑާލާފައިވާ ކަމަށެވެ. ޓްރައިބިއުނަލްގައި ނަސީފް އެދުނީ، އެއީ ސީއެސްސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރަށް، އުނިކުރި ފައިސާ އޭނާ އަށް ދިނުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެ މައްސަލައިގައި ޓްރައިބިއުނަލްގެ ތިން މެމްބަރުން ކަމަށްވާ އަބްދުﷲ އަލީ އާއި މަރިޔަމް މުނާ އަދި އިސްމާއިލް އަހުމަދު އިއްތިފާގުވެވަޑައިގެންފައިވާ ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނުގައި މާނަކޮށްފައިވާ އުޖޫރުގައިގެ ތެރޭގައި ސާވިސް އެލަވެންސް ހިމެނެ އެވެ.
އެހެންވެ، ޓްރައިބިއުނަލުން ވަނީ ނަސީފްގެ މުސާރަ އިން އުނިކޮށްފައިވާ 66.67ރ. މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެއްފަހަރާ އޭނާ އަށް ދިނުމަށް ސީއެސްސީއަށް އަންގައިފަ އެވެ. އަދި އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވެސް އަމުރުކޮށްފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުން ސަލާމުގައި ތިބޭ ދުވަސް ދުވަހު އެ މީހުންގެ ސާވިސް އެލަވަންސުން ކަނޑާ ގޮތަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ސިވިލް ސާވިސްގެ އާ ގަވައިދުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް