ޑިމޮކްރަސީ ނަގަހައްޓަށް ގޮވާލާއިރު ކެނެޑާއިންވެސް އެކަން ނަގަހައްޓަންޖެހޭ

ޑިމޮކްރެސީގެ އަސާސްތައް ނެގެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ މައްޗަށް ވެސް ލާޒިމުކަމަށް ވާއިރު އެކަމުން ކެނެޑާ އިސްތިސްނާ ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން...

17 Jun 2015 | 09:02

ޑިމޮކްރެސީގެ އަސާސްތައް ނެގެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ މައްޗަށް ވެސް ލާޒިމުކަމަށް ވާއިރު އެކަމުން ކެނެޑާ އިސްތިސްނާ ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ކެނެޑާއިން އަނެއްކާވެސް ގޮވާލުމާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.

ދުންޔާ ވިދާޅުވީ ވަކި ގައުމަކަށް ނިސްބަތްކޮށް ޑިމޮކްރެސީގެ އަސާސްތައް ނެގެހެއްޓުމަށް ގޮވާލާއިރު، އެބައެއްގެ ކިބައިން އެސިފަ ނުފެންނަނަމަ އެއީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ކެނެޑާއިން ހިންގާފައިވާ ޖަރީމާތައް، އެގައުމުން ކުރިއަށް ގެންގޮސްފައިވާ ރަސްމީ ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.

އެކަމަނާ އިޝާރާތް ކުރައްވާފައި މިވަނީ 2006 ގައި އެކުލަވާލި "ޓްރޫތް އެންޑް ރީކޮންސިލޭޝަން" ކޮމިޝަނުން މިދިޔަ މަހު ނެރުނު ރިޕޯޓަށެވެ. އެއީ 1990 ގެ ކުރީކޮޅު، ކެނެޑާގެ އޭރުގެ ސަރުކާރުން ހިންގި އިންސާނިއްޔަތާ ހިލާފު އަމަލުތައް ބެލުމަށް އެކުލަވާލި ކޮމިޝަނެކެވެ. އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ކެނެޑާގެ އަސްލު ރަށްވެހިންގެ ސަގާފަތް ނައްތާލަން އެގަމުގެ ސަރުކާރުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ.

"ހުރިހާ ގައުމަކުން ވެސް ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓަން ޖެހޭނެ. ކެނެޑާ އަކީ އެގަވައިދުން އިސްތިސްނާވާ ގައުމެއް ނޫން. ވަކި ގައުމުތަކެއް އެ އުސޫލަށް ފައްތަން އުޅުމަކީ މުނާފިގު އުސޫލެއް. ހާއްސަކޮށް އަމިއްލަ ގައުމުގެ މީހުންނާ ދެކޮޅަށް ކެނެޑާ ސަރުކާރުން ސަގާފީ ގަތުލު އާއްމެއް ހިންގާފައިވާ ކަމަށް އެގައުމުގެ އަމިއްލަ ޓްރަތު އެންޑް ރިކޮންސިލޭޝަން ކޮމިޝަނުން ބުނެފައިވޭ،" ދުންޔާ ވިދާޅުވެފައި ވެއެވެ.

ކެނެޑާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދުންޔާ ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވީ ޑިމޮކްރެސީގެ އަސާސްތަކާއި އިންސާނީ ހައްގުތައް އެހެން ގައުމުތަކަށް ކިޔައިދިނުމުގެ ކުރިން، ކެނެޑާއިން ހިންގާފައިވާ އެ ޖަރީމާތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ކެނެޑާގެ ހާރިޖީ ވަޒީރު ރޮބް ނިކޮލްސަން ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ މައްސަލަ ސީމެގުގެ އެޖެންޑާގައި ހިމެނުމަށް ގޮވާލައްވާފަ އެވެ. މީގެ އިތުރަށް ޑިމޮކްރަސީގެ އުސޫލުން ކަންކަން ހިންގުމަށްޓަކައި ޑިމޮކްރަސީގެ މަގަށް އަލުން ރުޖޫއަވުމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ އެހެންވެސް ކުށްވެރިން މިނިވަންކުރުމަށްވެސް ގޮވާލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް