ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާތައް ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފައިސާ ދިނުން ލަސްވެފައި ވަނީ އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ.
ގާނޫނު ބުނާގޮތުން އަހަރުގެ ފުރަތަމަ ތިން މަސްތެރޭ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ޖެހެ އެވެ.
ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ 15 ސިޔާސީ ޕާޓީގެ ތެރެއިން އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. އެޕާޓީގައި 46،608 މެމްބަރުން ތިބި އިރު އެ ޕާޓީއަށް ހަތް މިލިއަން ރުފިޔާ ލިބޭނެ އެވެ.
ނަމަވެސް އެ ފައިސާގެ ތެރެއިން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފުވެފައިވާތީ އާއި މޭޑޭގެ މުޒާހަރާއާއި ގުޅިގެން އެމްޑީޕީ ކޮށްފައިވާ ޖޫރިމަނާގެ ފައިސާ އުނިކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. މޭޑޭގެ މުޒާހަރާއާއި ގުޅިގެން އެ ޕާޓީ 53،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފުވެފައިވާތީ 47،000 ރުފިޔާއިން ވަނީ ޖޫރިމާނާކޮށްފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އިލެކްޝަނުން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްއަށްވުރެ ގިނައިން އެމްޑީޕީއަށް ފައިސާ ދޫނުކުރުމަށް ކަމަށެވެ. އެގޮތުން ތަފާޓު ޖޫރިމަނާތައް ކޮށް އެމްޑީޕީއަށް ހައްގު ވާ ފައިސާކަމަށް ކަނޑައަޅާނީ ޕީޕީއެމްއަށް ބަޖެޓުން ދޫކުރާ ފަސް މިލިއަން ރުފިޔާއަށް ވުރެ މަދުން ކަމަށެވެ.
ދެވަނަ އަށް އެންމެ މީހުން ގިނަ ޕާޓީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދިނުމަށް ހަމަޖެހިފައި ވަނީ 5.4 މިލިއަން ރުފިޔާ އެވެ.
ތިންވަނައިގަ އޮތް ޑީއާރުޕީއަށް 2.2 މިލިއަން ރުފިޔާ ލިބެ އެވެ.
ޖުމްހޫރީ ޕާޓީއަށް 2.1 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އަދާލަތު ޕާޓީއަށް ދޫ ކުރުމަށް ނިންމާފައި ވަނީ 1.3 މިލިއަން ރުފިޔާ އެވެ.
އެމްޑީއޭއަށް އެއް މިލިއަން ރުފިޔާ ދޫކުރާއިރު އެންމެ މީހުން މަދު ޕާޓީއެއްގެ ގޮތުގައި އިސްލާމިކު ޑިމޮކުރަޓިކު ޕާޓީއަށް 300،000 ރުފިޔާ ލިބެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް