ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށް، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން: ޚުޠުބާ

ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ "މުދަލު ޒަކާތް" މި...

17 May 2024 | 09:41

ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ "މުދަލު ޒަކާތް" މިއެވެ.

އެ މައުލޫގައި ޚުޠުބާ ފައްޓަމުން ބުނެފައިވަނީ މާތް الله އަހަރެމެން އިންސާނުންނަށް ވަނީ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވާކަމަށާއި މީގެތެރެއިން މުދާވެރިކަމާއި ތަނަވަސް ކަމަކީ، މާތް الله އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއް ކަމަށެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله ކަމަށާއި އެހެންކަމުން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން، އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، اللهގެ މަގުގައި ހޭދަކުރަން ޖެހޭކަމަށެވެ.

"ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއް، މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއް" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫންކަމާއި މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހޭކަމާއި ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭކަމާއި އަދި ހަމަ އެހެންމެ މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަންކަން ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ. ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ނަސޭހަތްތެރިވަމެވެ.  ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައި ވެއެވެ.

"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ  ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި، އެހެންކަމުން މަދުމީހަކު މެނުވީ ފިޠުރު ޒަކާތް ދައްކާ، ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަ ކުރެވޭ، ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް، ނުވަތަ ކުށްހީއެއް، އެހެނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް، އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް،ފިޠުރު ޒަކާތަކީ ވެސް ވާޖިބެއް، އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ .

އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނޭކަމާއި އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ކަމާއި މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނޭކަމާއި ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދެނެގަތުން މުހިންމުކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނެކަމަށާއި  ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނެ ކަމަށެވެ. އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތި ދަތިމީހުންނާއި، މިހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުޢާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް