ފްރާންސަށް ނިސްބަތްވާ މުސްލިމަކު 13 ޤައުމެއް ހުރަސްކޮށް ފައިމަގުން އުމްރާއަކަށް ސަޢޫދީ އަރަބިއްޔާއަށް ގޮސްފިއެވެ.
މުހައްމަދު ބަލްބީރީ ނަމަކަށްކިޔާ އެ ޒުވާނާ އޭނާގެ ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ފްރާންސުގެ ޕެރިހުންނެވެ. 8000 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ހުރަސްކޮށް ބަލްބީރީއަށް މަދީނާއަށް ދެވުނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
ދިގު ރާސްތާގައި އޭނާ ހުރަސްކުރި ޤައުމުތަކުގެ ތެރޭގައި ސްވިޒަލޭންޑް، އިޓަލީ، ސްލޮވޭނިއާ، ކްރޮއޭޝިޔާ، ބޮސްނިއާ، މޮންޓެނެގްރޯ، އަލްބޭނިއާ، މަސެޑޯނިއާ، ގްރީސް، ތުރުކީ އަދި އުރުދުން ހިމެނެއެވެ.
ސަޢޫދީ ޕްރެސް އޭޖެންސީއަށް ބަލްބީރީ ބުދަ ދުވަހު ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ 8000 ކިލޯމީޓަރު ހިނގާފައި ކުރި ދިގު ދަތުރުގައި ގިނައިން މަޑުކުރީ އެކި ގައުމުތަކުގެ އެކި ސަހަރުތަކުގެ މިސްކިތްތަކުގައި ކަމަށާއި އަދި ބައެއް ގައުމުތަކުން ދިމާވާ ބައެއް ހެޔޮއެދޭ ފަރާތްތަކުގެ ގޭގޭގައިވެސް މަޑުކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
ބަލްބީރީ ބުނެފައިވާގޮތުގައި އޭނާގެ އެ ދަތުރުގައި އޭނާ ގެންގުޅުނީ ބަރުދަނުގައި ގާތްގަނޑަކަށް 25 ކިލޯ ހުރި ދަބަހެއް ކަމަށާއި އެ ދަބަހުގައި ގެންގުޅުނީ ކުޑަ ޓެންޓަކާއި ކޮންމެހެން ބޭނުންވާނެ ބައެއް ޒަރޫރީ ތަކެތި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް