ފިކުރެއްގެ ދިރުމުން ޕާޓީ އުފައްދައި، ރިޔާސީ އިންތިހާބުގައި ވާދަ ކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ފިކުރެއްގެ ދިރުމުން ސިޔާސީ ޕާޓީ އުފައްދައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ ކަން އިއުލާނު ކޮށްފި އެވެ. ނަޝީ...

17 May 2023 | 14:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ފިކުރެއްގެ ދިރުމުން ސިޔާސީ ޕާޓީ އުފައްދައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ ކަން އިއުލާނު ކޮށްފި އެވެ.

ނަޝީދަށް ތާއީދު ކުރައްވާ12 މަޖިލީސް މެމްބަރުންނާއި ގިނަ އާންމު މެމްބަރުންތަކެއް މިއަދުން ފެށިގެން ދަނީ އެމްޑީޕީން ވަކިވަމުންނެވެ. އެ އެންމެން ކުރިޔަށް އޮތްތާއި ކުރިޔަށްދާން ނިންމާފައިވަނީ ރައީސް ނަޝީދުގެ ފަހަތްޕުޅުން "ފިކުރެއްގެ ދިރުން" ނަމުގައި އެވެ.

މިއަދު އެ ފިކުރައް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އާ ޕާޓީއެއް އުފައްދަން ނިންމައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ބޭނުމަކަށް އިއްތިހާދު ވާން ޖެހޭ ބަޔަކާ އެކު ކުރިއަށް ދާން "ފިކުރެއްގެ ދިރުން" އޮތީ ތައްޔާރަށް ކަމަށެވެ.

އެކަމަކު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެބޭފުޅުން ނެރުއްވާނީ ކޮން ބޭފުޅެއްކަން މިއަދު ހާމައެއް ނުކުރައްވަ އެވެ. ބެލެވޭގޮތުގައި ކެނޑިޑޭޓަކަށް ވާނީ ރައީސް ނަޝީދެވެ.

އެ ފިކުރުގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އަންނަ ހަފްތާގައި އާ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ އެވެ. އޭގެ ތަފްސީލެއް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ނުދެއެވެ.

ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ މަޖިލީސް މެމްބަރުންތައް އެމްޑީޕީން ވަކިވެފައި މިވަނީ އެ ފިކުރަށް ތާއީދު ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަސާސީ ގަވައިދާ ހިލާފުވިކަމަށް ނިންމައި އެމްޑީޕީން އޭނާ ވަކި ކޮށްފައިވަނިކޮށެވެ އަދި އީސީންވެސް ވަނީ އޭނާ އެމްޑީޕީ ދަފްތަރުން އުނި ކުރިކަން ހާމަ ކޮށްފައި އެވެ.

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕާ މެޖޯރިޓީ ވަނީ ގެއްލިފައި އެވެ. މި ހާރު އެ ޕާޓީގައި ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވ ާ55 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް