ބޭރު ބަސްބަހުން ގެނެވޭ ލަފުޒުތައް ދިވެހި ކުރުމާއި އާންމު އިސްތިޢުމާލުގެ ތެރެއިން ފެތުރެމުންދާ ލަފުޒުތައް ބަލައިގަތުމުގައި ކަނޑައަޅައި ދިވެހިބަހުގެ އެކަޑަމީން އާންމުކޮށްފިއެވެ.
އެގޮތުން މި އުސޫލުގެ މަޤުސަދަކީ އައު ލަފުޒު ހެދުމުގައި ތަބާވާ ހަމަތައް ނުވަތަ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން ކަމަށް ދިވެހިބަހުގެ އެކަޑަމީން ހާމަކޮށްފައި ވެއެވެ.
ދިވެހިބަހުގެ އެކެޑަމީން ވަނީ އާ ލަފުޒު ހެދުމުގައި ގެންގުޅޭ ޖުމުލަ 19 ހަމަ އާއި އުސޫލު އާންމުކޮށްފައެވެ.
އޭގެ ތެރޭގައި މާނަ ފުޅާކުރުމާއި، ލަފުޒުގެ ގިންތި ބަދަލުކުރުމާއި، ސިފައަށް ނިސްބަތްކޮށް ނަން ދިނުމާއި، ލަފުޒު ފުރޮޅުމާއި، އެކަ އިތުރުކުރުމާއި، ލަފުޒުން ބައެއް އުނިކޮށްގެން ލަފުޒު ހެދުމާއި، އެކުވި ލަފުޒު ހެދުމާއި، ލަފުޒު ގެއްލުމާއި، ތަކުރާރުކުރުން ހިމެނެއެވެ. އަދި ހިރިލަފުޒު ހެދުމާއި އިސްފަސްބަސް ހެދުމާއި، އުޅިބަސް ހެދުމާއި އުޅިބަހުން ލަފުޒު ހެދުމާއި، ތައްގަނޑު ލަފުޒު ހެދުމާއި، ހަލި ލަފުޒު ހެދުން ހިމެނެއެވެ.
ހަމައެހެންމެ މުލާޑުލަފުޒު ހެދުމާއި، ބޭރު ލަފުޒު ތަރުޖަމާކުރުމާއި، ބޭރު ބަސްބަހުގެ ލަފުޒުން ލޯނުލަފުޒު ހެދުމާއި، އަޑުލަފުޒު ހެދުމާއި، ލަފުޒު އީޖާދުކުރުން ހިމެނެއެވެ.
މި އުސޫލު އާންމުކުރުމަށް ފަހު، ދިވެހިބަހުގެ އެކެޑަމީން ބުނީ، އޭގެ މަޤުސަދަކީ އާ ލަފުޒު ހެދުމާއި ތަބާވާ ހަމަތައް ނުވަތަ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން ކަމަށެވެ. މި އުސޫލުތައް ހެދީ، ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުންގެ ބުރަ މަސައްކަތް ކަމަށް އެ އެކެޑަމީން ހާމަކޮށްފައި ވެއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، ޒަމާނުގެ ދުވެލީގައި ދިވެހިބަސް ފައިހަމަ ކުރުމަށްޓަކައި، އާ ލަފުޒު އުފައްދަން ޖެހޭ ކަމަށާއި އަދި އެ ލަފުޒުތައް އުފައްދާނެ ގޮތެއްގެ ހަމަތަކާއި އުސޫލެއް އޮންނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އެ ހަމައާއި އުސޫލު ވާން ޖެހޭނީ، ދިވެހިބަހާ ރައްޓެހި، އިހު ދިވެހީން ލަފުޒުތައް އުފެއްދުމުގައި ގެންގުޅުނު ހަމަތަކާއި، ބަހަވީ އިލްމުގެ އަހުލުވެރީން ދައްކަވާ ހަމަތަކާ ފުށުނާރާނެ ގޮތަށް އޮތް ހަމައަކަށް ކަމަށް ދިވެހިބަހުގެ އެކަޑަމީން ހާަމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް