ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ކަމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
މިފަހަރުގެ ފުރުސަތުގައި10 ދާއިރާއަކުން100 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެ އެވެ. އެމީހުންގެ އިތުރުން އެޗްޑީސީގައި މަސައްކަތްކުރާ 30 މުވައްޒަފަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައި ވަނީ ބަރު އުޅަނދުފަހަރާއި ވެލްޑިން ކުރުމާއި މެޝިނަރީ އާއި ބަގީޗާ ހެއްދުމާއި ކަރަންޓާއި ޕްލަމްބިން އާއި ވަޑާންކުރުމާއި އައިސް އަލަމާރި އާއި އޭސީ މަރާމާތު ކުރުމާއި ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒް ކުރުން އަދި ބިލްޑިންގް މެއިންޓަނެންސްގެ ދާއިރާއިންނެވެ.
މިފަހަރުގެ ޕްރޮގްރާމްގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް20 ޕަސެންޓު ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.
އެޗްޑީސީން ބުނީ، އެ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތަށް ކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަދި ކޯސް ކުރިޔަށްދާ މުއްދަތުގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި6،000 ރުފިޔާ ލިބޭނެ އެވެ. މި ކޯސްތަކުގެ މުއްދަތަކީ ހަމަހެވެ.
މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ހަ ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިން ދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ޕްރޮގްރާމް ނިމޭއިރު، އެންމެ ރަނގަޅު މީހުންނަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި ވަރަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.
އެޗްޑީސީން ބުނީ 3،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރު ހިފާފައިވާ އަމާޒަށް ވާސިލުވާން އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް