މިލަންދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ، ދަރިވަރުން އަމަލު ކުރަން ކައުންސިލުން ގަވައިދެއް ހަދައިފި

ށ. މިލަންދޫގައި ސްކޫލް ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރި މައްސަލައިގަ އެ ރަށު ކައުންސިލުން ފިޔަވަޅުތަކެއް އަޅައިފި އެވެ. އެ ކުއްޖާއަށް އަނިޔާކޮށް ބުލީ ކުރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވީ މި...

17 May 2022 | 12:44

ށ. މިލަންދޫގައި ސްކޫލް ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރި މައްސަލައިގަ އެ ރަށު ކައުންސިލުން ފިޔަވަޅުތަކެއް އަޅައިފި އެވެ.

އެ ކުއްޖާއަށް އަނިޔާކޮށް ބުލީ ކުރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވީ މިމަހުގެ13 ވަނަ ދުވަހު އެވެ. މިލަންދޫ ކައުންސިލުން މި މައްސަކައިގަ ވަނީ ރަށުުގެ މުއައްސަސާތަކާއި އެކި މުހިންމު ފަރާތްތަކާއި ބައްދަލުވެ މަޝްވަރާކޮށްފފަ އެވެ.

މިއަދު އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލް ދަރިވަރުން ކުޅިވަރު ކުޅެން ދަނޑަށް ވަންނަން ވާނީ ހަވީރު4:00 ން6:00 އަށް ކަމަށެވެ. އެ ވަގުތުތަކުގައިވެސް ތިބެންވާނީ ކުޅެން އެކަށީގެމްވާ ހެދުމެއްހައި ކަމަށެވެ.

މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރުގަ އާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތްޖަހާ ކުދިންނާ މެދު ވެސް ފިޔަވަޅު އަޅަން ވަނީ ކަނޑައަޅައިފަ އެވެ.

ރޭގަނޑު އެކި ސަރަޙައްދުތަކުގައި ގްރޫޕް ހަަދައި، ބެލެނިވެރިންނާ ނުލައި އުޅޭ ދަރިވަރުން ގެ އަށް ފޮނުވާލައި، ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. އަދި ކުދިން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ މަނާ ކަމެކެވެ.

އިއުލާނުގައި ވާ ގޮތުން ހަފުތާ ބަންދުގައި ނުވަތަ އެ ނޫން ދުވަސްތަކުގައި ވެސް ކުދިންނަށް މޫދަށް އެރެވޭނީ ބެލެނިވެރިއެއްގެ ހާޒިރުގަ އެވެ. ހުކުރު ދުވަހު ހެނދުނު މޫދަށް އެރޭ ކުދިން ވެސް ލަސްވެގެން ހެނދުނު 10:45ގައި މޫދުން އަރަން ޖެހެ އެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ ސްކޫލް ކުދިންގެ މެދުގައި ބުލީ ކުރުން އިތުރުވާ ކަމަށާއި މުހިންމު ބޭނުމެއް ނެތި ރަށުތެރޭގައި ކުދިން ގުރޫޕް ހަދައިގެން އުޅޭ ވަރު އިތުރުވަމުންދާ ކަމުގެ ކަންބޮޑުން ފާޅުކޮށްފަ އެވެ.

އާންމުވި ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ވަލުތެރެއަށް ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ތަޅައި ހެދި އިރުވެސް ރުއިން ފިޔަވައި، ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އޭގެ ފަހުން ކުއްޖާއަށް ވަރަށް ބޮޑަށް އެ ކުދިން ބުލީކުރެ އެވެ.

މި ވީޑިއޯ އާންމު ކުރުމުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށު ކައުންސިލްގެ އިތުރުން ރަށުގެ އިޖުތީމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް