ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިނަލްއަގްވާމީ ކިކް ބޮކްސިން މުބާރާތަކަށް

ބައިނަލްއަގްވާމީ ކިކްބޮކްސިން މުބާރާތެއްގައި ރާއްޖޭގެ އެތުލީޓަކު ފުރަތަމަ ފަހަރަށް ބައިވެރިވެ އެ މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑަށް ފުރައިފިއެވެ. މި އެތުލީޓަކީ ފައިޓް ސޯލް މޯލްޑިވްސްގެ ފަރާތުން ...

17 May 2022 | 06:03

ބައިނަލްއަގްވާމީ ކިކްބޮކްސިން މުބާރާތެއްގައި ރާއްޖޭގެ އެތުލީޓަކު ފުރަތަމަ ފަހަރަށް ބައިވެރިވެ އެ މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑަށް ފުރައިފިއެވެ.

މި އެތުލީޓަކީ ފައިޓް ސޯލް މޯލްޑިވްސްގެ ފަރާތުން މި މުބާރާތުގައި ބައިވެރިކުރާ އެތުލީޓެއް ކަމަށްވާ މުހައްމަދު ރާއިދެވެ. ރާއިދު ބައިވެރިވާ މުބާރާތަކީ މިހާރު ތައިލެންޑްގައި ކުރިއަށްދާ ތައިލެންޑް ފައިޓިން ޗެމްޕިއަންޝިޕްގެ ހަވަނަ މުބާރާތް ޓީއެފްސީ 6 ގައެވެ. މި މުބާރާތުގައި ރާއިދުގެ މެޗު އޮތީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. ރާއިދު ވާދަކުރާނީ ތައިލެންޑަށް ނިސްބަތްވާ އެތުލީޓަކާއެވެ.

މި މުބާރާތަށް ރާއިދު ހޮވުމާއި ފައިޓް ސޯލްސް މޯލްޑިވްސް އިން މި މުބާރާތަށް ތައްޔާރުވި ތައްޔާރުވުމާއި ގުޅޭގޮތުން ފައިޓް ސޯލް މޯލްޑިވްސް ގެ ޗީފް އިންސްޓްރަކްޓަރ މުހައްމަދު ޝަނާޒް ވިދާޅުވީ ގާބިލު ގިނަ އެތުލީޓުންތަކެއްގެ ތެރެއިން ރާއިދު ހިޔާރުކުރީ ބޭރުގެ ކުޅަދާނަ އެތުލީޓަކު ރާއްޖެ ގެނެސްގެން ކުރިއަށްގެންދިޔަ ކޭމްޕަކަށް ފަހުގައި ކަމަށެވެ. އެގޮތުން އިސްކާ ވޯލްޑް ކިކް ބޮކްސިން ޗެމްޕިއަން، ފަބިއާނޯ ރާއްޖެ އައިސް ފައިޓް ސޯލް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ކޭމްޕެއްގައި ދިވެހި ތިން އެތުލީޓަކު ހިޔާރުކުރުމަށްފަހު މިފަހަރުގެ ފުރުސަތު ދޭން ނިންމީ ރާއިދަށް ކަމަށެެވެ. އަދި ކުރިއަށް ހުރި މިފަދަ މުބާރާތްތަކުގައި އަނެއް ދެ އެތުލީޓުންނަށް މި ފުރުސަތު ދޭން ނިންމާ، ތަމްރީނުތައް ކުރިއަށްގެންދާ ކަމަށެވެ.

ރާއްޖެއިން މިފަދަ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓަކު ނެރެ މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑަށް ފުރާފައިވާއިރު މިކަމާއި ގުޅޭގޮތުން ފައިޓް ސޯލް މޯލްޑިވްސްގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އަބްދުﷲ ފިރްޝާން ވިދާޅުވީ ފައިޓް ސޯލް މޯލްޑިވްސްގެ އުންމީދަކީ ކުޅިވަރެއްގެ ގޮތުގައި މިފަދަ ކޮމްބެޓް ސްޕޯޓްސްތައް ރާއްޖޭގައި ތައާރަފްކޮށް ދިވެހި އެތުލީޓުންނަށްވެސް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުން ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ފެށި ފައިޓް ސޯލް މޯލްޑިވްސްގައި މިހާރުވެސް ދެ ޖިންސުގެ 50 އަށްވުރެ ގިނަ އެތުލީޓުން ކިކްބޮކްސިން ކްލާސްތަކުގައި ފަރިތަކުރުންތައް ކުރިއަށްގެންދާކަން ފިރުޝާން ފާހަގަކުރެއްވިއެވެ.

ފައިޓް ސޯލް މޯލްޑިވްސް އަކީ ފައިޓް ސޯލް ސްރީލަންކާއާއި ކުރީގެ ޔޫއެފްސީ ފައިޓަރ ވިލް ޗޯޕްގެ ކިލް ޓީމާ އެފިލިއޭޓްވެގެން ރާއްޖޭގައި ހިންގަމުން އަންނަ މިފަދަ ތަމްރީނުދޭ މަރުކަޒެކެވެ.

ޓީއެފްސީ 6ގައި ބައިވެރިވުމަށް ރާއިދު ތައިލެންޑަށް ފުރާފައިވާއިރު ޓީއެފްސީ މުބާރާތަކީ އިންޑިއާ، އަފްޣާނިސްތާން، ދިވެހިރާއްޖެ، ބަންގަލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާގެ އެތުލީޓުން ވާދަކުރާ ފޯރިގަދަ މުބާރާތެކެވެ.

މެއި 21 ވަނަ ދުވަހު ރާއިދު ތައިލެންޑްގެ އެތުލީޓެއް ކަމަށްވާ މަންޗައި ސުވަންނަރޯގާ ކުރިމަތިލަނީ މުއޭ ތައި އެކްސްޓްރާ ފައިޓްގެ ލައިޓްވެއިޓް ކެޓަގަރީންނެވެ. މިއީ ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގައި ދިވެއްސަކު ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

https://youtu.be/U3VC__EV0h0

ކިކް ބޮކްސިން މުބާރާތެއްގައި ދިވެއްސަކު ވާދަކުރާއިރު ފައިޓް ސޯލް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގައިވެސް މިފަދަ މުބާރާތެއް ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައިވެސް މާޝަލް އާޓްސް ފަދަ ކޮމްބެޓް ފައިޓިން ދަސްކޮށްދޭ މަރުކަޒުތައް ހުރި އިރު މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ، މިފަދަ ކުޅިވަރަކަށް ސަޕޯޓަރުންނާއި އެތުލީޓުން އުފެއްދުމަކީ ފައިޓް ސޯލް މޯލްޑިވްްސް އިން ކުރަމުން އަންނަ އުންމީދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް