މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހަނިމާދޫއަށް

މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ. މިމަސް ފެށުނީންސުރެ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ...

17 May 2022 | 04:43

މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.

މިމަސް ފެށުނީންސުރެ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައިވެ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އާއި އެކު ގަނޑުތައް ގަދަވެ ވައި ވަނީ ވަރަށް ގަދަވެފައި އެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން އިއްޔެ ހެނދުނު 8:00 ން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވާ ހަނިމާދޫއަށް 100.8 މިލިލީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 64.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ރ. ދުވާފަރަށް 36 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު އއ. ތޮއްޑޫއަށް 15 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ށ. ފުނަދޫ، ބ. ދަރަވަންދޫ އަދި ކ. ގާފަރަށް މިދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ 10 މިލިލީޓަރުގެ ވާރޭ ވެހިފަ އެވެ.

މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދަށް މިހާރުވެސް އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

އާންމުގޮތެއްގައި 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް