ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ހއ. ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ...

17 May 2022 | 04:07

ހއ. ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.

މި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުالله ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 4،455 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 2،230 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 252 މީޓަރުގެ ބޭރުތޮށިލުމާއި، 160 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 126 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން، 883 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އީ.އައި.އޭ މަސައްކަތާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ އިތުރުން

މޫރިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 22.3 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

980 މީހުންގެ އާބާދީއެއް އެކުލެވިފައިވާ ހއ. ތަކަންދޫ ރައްޔިތުން ތިބީ އަމާން ބަނދަރެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.

އެގޮތުން މިހާރު ރަށަށް ވަދެ ނިކުތުމަށް ހެދިފައިވާ ބަނދަރުގެ ނެރުފައިކަށި އިންނަ ދިމާލުގެ ސަބަބުން އޮޑި ދޯނިފަހަރު ވަދެ ނިކުތުމުގައި ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހެއެވެ. ހާއްޞަކޮށް ހުޅަނގު މޫސުމުގައި މާބޮޑަށް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރުތަކަށް ނެރުން ވަދެ ނިކުތުމަކީ ނުރައްކާތެރި ދަތިކަމެއްކަމުގައި ރަށު ރައްޔިތުން ފާހަގަކުރެއެވެ.

މިއާއެކު، ރަށުގެ އުތުރުފަރާތުން ރަށްގިރުމުގެ މައްސަލަވެސް ބޮޑުވެފައިވާކަމަށާއި، ރަށުގައި އޮންނަ ކުޅިއަށް ވެލިއަރާ ބެދި ފެން ދައުރުނުވާ މައްސަލައިގެވެސް އަސްލަކީ ނެރުފައިކަށި މިހާރު އިންގޮތްކަމަށް ތަކަންދޫ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

އެގޮތުން ތަކަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިގެންދާއިރު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބި ޒަމާނީ އަމާން ބަނދަރެއްގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން އުންމީދުކުރެއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭގައި ޒަމާނީ ފެންވަރުގެ ބަނދަރު ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ވާނީ ފުރިހަމަ ކުރެވިފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް