އެޑިޑާސް އަދި ޕާލޭ ގުޅިގެން ރާއްޖޭގައި ހިންގާ "އޯސަން ޕްލާސްޓިކް" ޕްރޮޖެކްޓަކީ ބޮޑު ޖަރީމާއެއް ކަމުގެ ތުހުމަތުކޮށްފިއެވެ.
މި ތުހުމަތުކޮށްފައިމިވަނީ ބްރިޓިޝް ޓެެލެވިޒަން ނެޓްވޯކް، ޗެނަލް 4ގެ "ޑިސްޕެޗެސް" ސީރީޒްގެ ދަށުން ރިލީޒްކުރި ޑޮކިއުމެންޓަރީއަކަށްފަހުގައެވެ.
މި ޑޮކިއުމެންޓަރީ ނިންމާފައިވަނީ ޗެނަލް4 ގެ ނޫސްވެރިއަކު ރާއްޖެ އައިސް އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ.
އެޑިޑާސް އަދި ޕާލޭއިން ރާއްޖޭގައި ހިންގާ "އޯސަން ޕްލާސްޓިކް" ޕްރޮޖެކްޓުގައި އަދި އެ ޕްރޮޖެކްޓްގެ އިސްތިހާރުތަކުގައި ބުނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް ހޮވުމަށްފަހު އެ ޕްލާސްޓިކް ބޭނުންކޮށްގެން ބޫޓާއި އަންނައުނު އުފައްދާ ކަމަށެވެ.
ނަމަވެސް ޗެނަލް4 އިން ގެނެސްދީފައިވަނީ މިކަމުގެ އަނެއް ފަޅިއެވެ. ޗެނަލް4ގެ އެ ޑޮކިއުމެންޓަރީގައި ފާހަގަކޮށްފައިވާގޮތުގައި ކަނޑުންނާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް އެއްކުރުމުގެ ބަދަލުގައި ޕްލާސްޓިކް އެއްކުރަނީ ބިމުގެ ސަރަހައްދުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުންނާއި ހާއްސަގޮތެއްގައި ބޮޑެތި ރިސޯޓްތަކުންނެވެ.
މި ޑޮކިއުމެންޓަރީއަށް ރާއްޖެ އައިސް ކުރުނބާ ރިސޯޓުގައިހުރި ނޫސްވެރިޔާ ފާހަގަކޮށްފައިވަނީ ޕްލާސްޓިކާ ދުރުވާން ރާއްޖެއިންވެސް އަމާޒު ހިފާފައިވާއިރު ކުރުނބާ ރިސޯޓްގައި ބޭނުންކުރަމުން އަންނަނީ ބޮނަކުއާ ފެން ކަމަށެވެ. އަދި ބޮނަކުއާ ނިސްބަތްވާ ކުންފުންޏަކީ ރިސޯޓްގެ އޯނަރުންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން ޕްލާސްޓިކް ފުޅި ހުއްޓައިނުލާ ކުރިއަށްގެންދަނީ ބޮނަކުއާ ނިސްބަތްވާ ކުންފުންޏަށް، ފަތުރުވެރިކަން މެދުވެރިކޮށް ފައިދާ ހޯދައިދޭންކަމުގައި ތުހުމަތުކޮށްފައިވެއެވެ.
ބޮނަކުއާ އަކީ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ އުފެއްދުމެކެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ކުރުނބާ މޯލްޑިވްސްގެވެސް ހިއްސާދާރުންނެވެ.
ޗެނަލް4 ގެ އެ ޑޮކިއުމެންޓަރީގައި ފާހަގަކޮށްފައިވާގޮތުގައި ޕާލޭ އާއި އެޑިޑާސްގެ އިން އިސްތިހާރުތައް ކުރަނީ ޕްލާސްޓިކް ހޮވަނީ ކަނޑާއި ގޮނޑުދޮށްތަކުން ކަމަށެވެ. 95 އިންސައްތައަކީ އެފަދަ ޕްލާސްޓިކް ވޭސްޓް ކަމަށެވެ. ނަމަވެސް ޗެނަލް4 އިން ތުހުމަތުކުރަނީ ބޮޑެތި ރިސޯޓްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ހިންގާ ޖަރީމާއިން، އެފަދަ އުފެއްދުންތައް އުފައްދާ ކުންފުނިތަކަށް ދެނީ ހިތްވަރު ކަމަށެވެ. ގިނައިން އުފެއްދުމަށް ބާރު އަޅަނީ ކަމަށެވެ.
މި މޭރުމުން ކަން ކުރުމުން، ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކަށް ވަރަށްބޮޑަށް އޮޅުވާލެވެނީކަމުގައި އެ ޑޮކިއުމެންޓަރީގައި ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް