ދެކުނުގެ މޫސުން ރަނގަޅަސް އުތުރާއި މެދަށް މިއަދުވެސް މޫސުން ގޯސް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅުވިނަމަވެސް އުތުރުގެ ބޮޑުބަޔަކަށާއި މެދުރާއްޖެއަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރވެހުން އެކަށީގެންވާކ...

17 May 2022 | 02:58

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅުވިނަމަވެސް އުތުރުގެ ބޮޑުބަޔަކަށާއި މެދުރާއްޖެއަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރވެހުން އެކަށީގެންވާކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދު ހަވީރު ހައަކާއި ހަމައަށް ފޯކާސްޓްކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުން ބުނެފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖޭގައި ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށް ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަަކށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް