ކައުންސިލްތަކަށް އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ: ރައީސް

ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވ...

17 May 2021 | 15:10

ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ހުވާާ ކުރެއްވުމާއި، އަންހެނުންގެ ކޮމެޓީގެ މެމްބަރުން އިޤުރާރު ވުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށް ވުމާއި، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސް ކަމަށް ރައީސް ފާހަގަކުރެެއްވިއެވެ.

މީގެ ކުރިން އިންތިޚާބުކުރި ކައުންސިލްތަކާއި މިފަހަރު އިންތިޚާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ، އަންހެން ބޭފުޅުން ނަށް ވުމެވެ. އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

" ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މިއަދު މި ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ. އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މި ހުރިހާ ކަމަކުންވެސް ދޭހަވަނީ ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރުކަން ފާހަގަކުރައްވައި، މިއަދުމި ހިނގަން ފަށާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް