އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްޠީނުގައި ހުންނަ ޣައްޒާ މޯލްޑިވްސް ކެފޭ ސުންނާފަތި ކޮށްލައިފިއެވެ.
މި ހަމަލާގައި ފަލަސްޠީނުގެ ހަތަރު ރައްޔިތުން ޒަޚަމްވެފައިވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ޣައްޒާ މޯލްޑިވްސް ކެފޭ ބިމާއި ހަމަކޮށްލާފައިވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރު ވަމުން ދާއިރު، އެ ވީޑިއޯ ހިއްސާކުރި ފަރާތުން އެ ވީޑިއޯގައި ބުނެފައިވަނީ ޣައްޒާގެ އަތިރިމަތީގައި ހުންނަ މި ކެފޭއަށް އިސްރާއީލުން ބޮން އެޅުމުން ތިން މީހަކު ޒަޚަމްވެފައިވަ ކަމަށެވެ. އެހެން ބުނަމުންދާއިރު ކެފޭ ހުރި ސަރަހައްދާއި ވިދިގެން އޮތް މޫދުވެސް ވަނީ ދައްކާލާފައެވެ.
ނަމަވެސް އެ ވީޑިއޯގައި ދެވަނަ ފަހަރަށް ޒަޚަމްވި މީހުންގެ އަދަދު ހާމަ ކުރަމުން އޭނާ ބުނެފައިވަނީ ހަތަރު މީހަކު ޒަޚަމްވި ކަމަށެވެ. ޒަޚަމްވި މީހުންގެ އަދަދު ކަށަވަރުވާ ގޮތް އަދިވަނީ ނުވެފައެވެ. ބޭރުގެ ބައެއް މީޑިއާތަކުންވެސް ރިޕޯޓު ކޮށްފައިވަނީ ތިން މީހުން ޒަޚަމްވި ކަމަށެވެ.
https://twitter.com/LebUpdate/status/1394239480513638402
އެމީހާ ވީޑިއޯ ކުރަމުން ދިޔަ އިރު އެ ތަނުގައި ހުރި ޖެނެރޭޓަރުގައި އޭރުވެސް އަލިފާން ރޯވެފައިވާ ކަމަށާއި، އަލިފާން ނިއްވާ މީހުން އެވަގުތު އެ ސަރަހައްދަށް އައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމީގާ ބުނެފައިވެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ އަތިރިމަތީ ސަރައްހަދުގައި މި ދިޔަ އަހަރު ހުޅުވާލީ ޣައްޒާ މޯލްޑިވްސް ކެފޭއަކީ ދުނިޔޭގެ ސަމާލުކަން ކުޑަ ދުވަސްކޮޅެއް ތެރޭގައި ހޯދާފައިވާ ކެފޭއެެކެވެ. މި ކެފޭގެ ވެރިޔާ އިމާދު އަލްބައްޔާ އޭރު ދެއްވާފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ ޣައްޒާގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު އެއް ޤައުމު ކަމަށާއި، އެ ކެފޭގެ ސަބަބުން ޣައްޒާގައި ތިބެގެންވެސް ރާއްޖެ އިހްސާސް ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ނަމަވެސް މިހާރު އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާ މޯލްޑިވްސް ކެފޭވެސް މިވަނީ ބިމާއި ހަމަކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ ދުއިސައްތަ އާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާއިރު، ދެހާހަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުންވަނީ ޒަޚަމް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް