އެމެރިކާ 'ވީޓޯ'ގެ ބާރު ބޭނުން ކުރުމުން އދ. އަށް އިސްރާއީލް ކުށްވެރިއެއް ނުކުރެވުނު

އިސްރާއީލުގެ އަމަލުތައް ކުށްވެރި ކޮށް، ވަގުތުން ވަގުތަށް ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލަން އދ ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ޤަރާރެއް އެމެރިކާއިން ވީޓޯ ކޮށްފިއެވެ. އެމެރިކާގެ ...

17 May 2021 | 12:16

އިސްރާއީލުގެ އަމަލުތައް ކުށްވެރި ކޮށް، ވަގުތުން ވަގުތަށް ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލަން އދ ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ޤަރާރެއް އެމެރިކާއިން ވީޓޯ ކޮށްފިއެވެ.

އެމެރިކާގެ ވީޓޯއާއި އެކު، އދ ގެ ސަލާމަތީ މަޖިލީހުގެ 3 ވަނަ ކުއްލި ޖަލްސާވެސް ނިންމާލަން ޖެހުނީ އިސްރާއިލާއި ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ނުހޯދި، އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.އދ ގެ ސަލާމަތީ މަޖިލީހުގެ 15 ޤައުމަކުން ގުޅިގެން ވަނީ އިސްރާއީލާއި ހަމާސް ޖަމާޢަތާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާއިން ބަޔާނާއި ގުޅޭ ޤަރާރް ވަނީ ވީޓޯކޮށްފައެެވެ.

އެމެރިކާއިންވަނީ ފާއިތުވެ ދިޔަ ހަފްތާތެރޭގައިވެސް އެމެރިކާއަށް ލިބިފައިވާ 'ވީޓޯ' ކުރުމުގެ ބާރުގެ ބޭނުން ކޮށް، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް އދ ގެ ސަލާމަތީ މަޖިލީހުން ނެރެން މަސައްކަތް ކުރި ޤަރާރުތަކަށް ދެފަހަރެއްގެ މަތިން ހުރަަސް އަޅާފައެވެ.

އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކުގައި ދުއިސައްތައާއި ގާތް ކުރާ އަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ އިރު، މީގެ ތެރޭގައި 58 ކުޑަ ކުދިންެވެސް ހިމެނެއެވެ. އަދި ފަލަސްޠީނުގެ 2 މިލިއަނެއްހާ ރައްޔިތުން ތާށިވެފައިވާ ހިސާބުތަކަށް މެދު ކެނޑުމެއް ނެތި އިސްރާއީލުން ބޮން އަޅަމުން ގެންދިއުމާއި އެކު 2000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުންވަނީ ޒަޚަމް ވެފައެވެ.

އިސްރާއީލުން އެ މީހުންގެ ލާއިންސާނީ އަމަލުތަކުގެ ދިފާއުގައި ބުނެފައިވަނީ ފަލަސްޠީނަށް ހަމަލާ ދެނީ ހަމާސް ޖަމާޢަތުން ރޮކެޓު ހަމަލާތައް އެ ޤައުމަށް ފޮނުވަމުން ގެންދާތީވެ ކަމަށެވެ. ނަަމަވެސް ހަމާސް ޖަމާޢަތުން އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާތައް ދޭން ފަށާފައިވަނީ، އިރުމަތީ ޤުދުސްގެ ޝެއިޚް ޖައްރާޙް ސަރަޙައްދުން ފަލަސްޠީނު ރައްޔިތުންގެ ގެދޮރު އިސްރާއީލުން ފޭރެމުން ގެންދިއުމާއި ގުޅިގެންނެވެ.މިއާއިއެކު އިސްރާއީލުން ވަނީ މުސްލިމުންގެ މާތް ވެގެންވާ މަސްޖިދުލް އަޤްސާއަށް ވަދެގަނެ، އެ ސަރަޙައްދުގައިވެސްވަރުގަދަ ހަމަލާތަކެއް ދީ ގިނަ ބަޔަކު ޝަހީދު ކޮށްލާފައެވެ. ހަމާސްއިން އިސްރާއީލުގެ ސިފައިން އަލް އަޤްސާއިން ފައިބާނެ މުހުލަތު ދިން ނަމަވެސް، އިސްރާއީލުން އެސަރަހައްދުން ފައިބާފައެއް ނުވެއެވެ.

އެމެރިކާއިން އދ ގެ ސަލާމަތީ މަޖިލީހުގެ ބަޔާން ވީޓޯ ކުުރުމުގެ ދުވަސް ކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އިސްރާއީލުގެ ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.އަދި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅެއް އަޅާނެ ކަމުގެ އިޝާރާތެއް އެއްވެސް ވަރަކަށް އެމެރިކާއިން ފެނިފައެއް ނުވެއެވެ.ނަމަވެސް އެމެރިކާގެ ގިނަ ރައްޔިތުންވެސް އަންނަނީ މަގުތަކަށް ނިކުމެ ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކުރަމުންނެވެ. ޖޯ ބައިޑެންގެ އަމިއްލަފުޅު ސަރުކާރުގެ މެންބަރުން ހިމެނޭހެން ގިނަ ބައެއްގެ ފާޑުކިއުން މި މައްސަލައިގައި ބައިޑެންއަށްވަނީ ކުރިމަތިވެފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ޤައުމުތަކަކީ އެމެރިކާގެ އިތުރުން ޗައިނާއާއި، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ރަޝީޔާއެވެ. ގުޅިގެން ނެރޭ މިފަދަ ބަޔާންތައް ވީޓޯ ކުރުމުގެ ބާރު މި ޤައުމުތަކަށް ލިބިގެން ވެއެވެ. ޗައިނާއިންވަނީ އިސްރާއީލު މައްސަލައިގައި ހުރިހާ ކަމަކަށް ގޮތް ނިންމަނީ އެމެރިކާއިން ކަމަށް ތުހުމަތުކޮށް، އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް