އިންޓަރނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އެބަ މަސައްކަތް ކުރާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އެގޮތުން، ކޯވިޑް-19 ގެ ސަބަބަން، ދުނިޔެއަށް ހާމަވެގެން ދިޔައީ މުޖްތަމަޢްތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައި.ސީ.ޓީ ވަސީލަތްތައް އަދާ ކުރާ މުހިއްމު ދައުރު ކަމަށް ޝައުނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އަހަރުވެސް ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ކޯވިޑް-19 އިން އަރައި ނުގަނެވި އުޅެނިކޮށެވެ. މި ޙާލަތުގައި މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ވެސް، ޓެލެކޮމިއުނިކޭޝަން އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުންތެރިކަން އިހުނަށްވުރެ އެތައް ގުނައެއް މިހާރު މިވަނީ އިތުރުވެފައެވެ.
މި އަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރުކަމުގައި ދުނިޔޭގެ މުވާސަލާތީ ޖަމްޢިއްޔާ އައި.ޓީ.ޔޫ އިން ކަނޑައަޅުއްވާފައި ވަނީ "އެކްސެލެރާޓިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ިނ ޗެލެންޖިން ޓައިމް" އެވެ.
ޤައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމުގައި ހުރި ފަރަގުވެސް ފާހަގަވަމުން ދާ ކަމަށް މިނިސްޓަރުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މި އަހަރުގެ ޝިއާރަކީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ބާރުސްޕީޑްގައި ކުރިއަށް ގެންދިއުމަށް ޤައުމުތަކަށް ލިބޭ ހިތްވަރެކެވެ.
ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، މީގެ 78 އަހަރު ކުރިން ތަޢާރަފް ކުރި މި ޚިދުމަތަށް މިއަދު މިވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. މިރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައެވެ. މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކުރައްވާފައިވާ މަސައްކަތްތައް މި ދަނޑިވަޅުގައި ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން ވެސް މިނިސްޓަރގެ ޚިޠާބުގައި ވެއެވެ.
މިޚިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖެއަށް ވަނީ ތަޢާރަފްކުރެވިފައި ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގެ އައި.ސީ.ޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާއިރު، މި ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަންވެސް މިނިސްޓރަ ފާހަގަކުރެއްވިއެވެ. އެގޮތުން އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައިވާކަމަށް މިނިސްޓަރގެ ވާހަގަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ރައްޔިތުންގެ މި އިޙުސާސްތަކަށް ރިޢާޔަތްކޮށް، އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. އަދި ރާއްޖޭއާއި ބޭރުދުނުޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤައިމްކުރުމަކީވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެކެވެ. މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިޞާދަށް ލިބި، ދިވެހިން އެދޭ ތަރައްޤީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް