ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.
މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް ޕޮސިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ވައިރަސް ގިނަބަޔަކަށް ޖެހި ކޮންޓްރޯލުން ނެެއްޓުމުން މި މަހުގެ ތެރޭގައި އެޗްޕީއޭއިން ވަނީ އެ ރަށުގައި ކާފިއު ހިންގަން ފަށާފަ އެވެ.
މާފުށީ ސިއްހީ މަރުގެ އެންމެ ފަހުގެ ތަފާސް ހިސާޞު ދައްކާގޮތުން މޮނިޓަރިންއަށް ލީފަހުން އެ ރަށުން މިހާތަނަށް 521 މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އިއްޔެ އެ ރަށުން އަލަށް ޕޮސިޓިވްވެފައިވަނީ ހަތް މީހުންނެވެ.
މަރުކަޒުން ބުނީ އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 334 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ރަނގަޅުވެފައިވާ ކަމަށް ނިންމާފައިވަނީ ތިން މީހުންނެވެ.
މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 185 މީހުންނަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު ދެ މީހަކު ވަނީ ކޯވިޑް ބަލީގައި މަރުވެފައި އެވެ.
ކޯވިޑް ކޮންޓްރޯލް ކުރުމަށް މާފުއްޓާއި އެކު އަތޮޅު ތެރޭގެ 56 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްރަށާއި ސިޓީތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް