މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ލިމިޓެޑް ( އެމް.ޑަބްލިޔު.އެސް.ސީ)އިން ކުރިޔަށް ގެންދާ ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ 31 ޕަސެންޓު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %58 އަދި 9.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 93 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.
މީގެއިތުރުން، މި މަސައްކަތުގެ ތެރޭގައި، ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެއެވެ. އަދި މި މަސައްކަތް ނިމޭއިރު 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.
މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 50% އަދި ޕަންޕިން ސްޓޭޝަންތަކުގެ %44 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެއިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ހަަމަޖެހިފައިވެއެވެ. މިއާއެކު، މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަށް ޖުމްލަ 38،245،917.74 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް