މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކޮށްފި

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކޮށްފި އެވެ. އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. ސަލްޓަން ...

17 May 2021 | 08:13

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކޮށްފި އެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. ސަލްޓަން ޕާކުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެއްސުމށް ފަހު އެޗްޕީއޭއިން އެކަން މަނާ ކުރުމުން ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އާ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށް އެ ޖަލްސާގައި ވޯޓަށް އަހާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ  ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލަފާދެނީ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ޖެހޭނީ ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ޖަމާވެ، ބާއްވާ ޖައްސާއެއްގަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން، އާ ކައުންސިލްގެ ފުރަތަމަ ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދާތީ ވޯޓަށް ނާހަން ނިންމީ އެވެ.

އާ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިފައިވާއިރު، އެ ޕާޓީ އަށް ނިސްބަތްވާ އެ ތިން ބޭފުޅުންގެ މެދުގައި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް