އިސްރާއީލްގެ ޓޫރިސްޓުންނާއި މުދާ އެތެރެ ނުކުރަން ގޮވަލާ މަޖިލީހަށް ކުއްލި މައްސަލައެއް

ރާއްޖެއަށް އިސްރާއީލްގެ ފަތުރުވެރިންނާއި މުދާ އެތެރެކުރުން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބ...

17 May 2021 | 07:50

ރާއްޖެއަށް އިސްރާއީލްގެ ފަތުރުވެރިންނާއި މުދާ އެތެރެކުރުން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ55 މެމްބަރުންގެ ވޯޓާއި އެކު އެވެ.

ޝިޔާމްގެ ކުއްލި މައްސަލައިގަ ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން ހުއްޓާލަން ދެން ރާއްޖެއަށް އިސްރާއީލްގެ ފަތުރުވެރިންނާއި މުދާ އެތެރެކުރުން ހުއްޓާލުމަށެވެ.

އިސްރާއީލްގެ އަމަލުތައް ހަމައެކަނި ކުށްވެރިކޮށްގެން ތިބެވެން ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. ދިވެހި ދައުލަތުން ދައުލަތެއްގެ ގޮތުގައި ކުރެވެން ޖެހޭ ކަންކަން މިހާރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްޖިދުލް އަގްސާ އަށް ހަމަލާދީ އެ މާތް ހަރަމްފުޅަށް ގަދަމަކުން ވަދެގަނެ، އެތަނުގައި އަޅުކަންކުރަން ތިބި މީހުންނަށް ހަމަލާދީ އެ މީހުންގެ ލޭ އޮހޮރުވާލައި އަދި ރަސޫލާގެ ދަތުރުފުޅުގައި އެ މިސްކިތަކަށް ވަޑައިގެންނެވި މާތް މިސްކިތުގެ ހުރުމަތްކަނޑާއި އަދި މި ހަމަލާތަކުގައި އެއްވެސް ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުން ޝަހީދުވަމުން ދިއުމަކީ ވެސް މި ކުއްލި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން މި ކުއްލި މައްސަލައިގައި ގޮވާލައިފައިވާއިރު، ޚާއްސަ ހުއްދައިގެ ދަށުން އެތެރެކުރަން ހުއްދަ ލިބޭ ސިއްހީ ބައެއް ސާމާނު ފިޔަވައި އިޒްރޭލުން އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށްފައި ހުރެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވަނީ ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވެފައި ވަނީ އިޒްރޭލުން ރާއްޖެއަށް މުދާ އެތެރެކުރުން މާކުރިން ފެށިގެން މަނާކޮށްފައި އޮންނަ އިރު އެފަދަ އުފެއްދުމެއް ރާއްޖޭގައި ވިއްކާ ނަމަ އެއީ ގާނޫނާ ހިލާފަށް އެތެރެކޮށްގެން ވިއްކާ ތަކެތި ކަމަށެވެ.

ޝިޔާމްގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެއީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ދައުލަތުން ކުރެވެން ހުރި ކަންކަން ކުރުމަށް ގޮވާލާ މައްސަލައެކެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ، އޮންނަ ގޮތަކީ ގުރެއް ނެގުމަށް ފަހު، ގުރުއަތުން ހޮވޭ ކުއްލި މައްސަލައެއް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ގުރުއަތުން ހޮވިފައިވަނީ ޝިޔާމްގެ ކުއްލި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް