އިޒްރޭލުން އިފެއްދި ކޯވިޑް-19 ދިފާޢުގައި ޖަހާ ވެކްސިން ހޯދަން ރާއްޖެއިން އެދިފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ އިޒްރޭލުން ކޯވިޑް-19 ވެކްސިން ފޯރުކޮށްދޭ 19 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެގައުމުގެ މީޑިއާތަކުން އިން ރިޕޯޓުކުރުމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އެގޮތުން މަބްރޫކް ވިދާޅުވީ މިހާ ހިސާބަށް އެނގިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އިޒްރޭލުން ވެކްސިން ހޯދަން ރާއްޖެއިން އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކަން އަދިވެސް އިތުރަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ދުވަސްވަރަކީ އިޒްރޭލުން ފަލަސްތީނުގެ ގައްޒާ އަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ނުރުހުން އިޒްރޭލަށް އަމާޒުވެފައިވާ ދުވަސްވަރެކެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 190 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި 58 ކުޑަކުދިން ވެސް ހިމެނެއެވެ.
އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ރާއްޖެއިން ވެސް ކުށްވެރިކޮށްފައިވާއިރު، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް