އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގައްޒާ އިން 200 އަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ.
މޭ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި 58 ކުޑަކުދިން ހިމެނެއެވެ. އަދި 1235 މީހުން ޒަހަމް ވެފައިވާއިރު 17،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެ، 500 އަށް ވުރެ ގިނަ ގެއެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.
ގައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ކަަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ރައްދުގައި ހަމާސް އިން އަންނަނީ އިޒްރޭލަށް ވައިގެ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ 10 މީހަކު ވަނީ މަރުވެފައެވެ.
އިޒްރޭލުން ގައްޒާ އަށް ހަމަލާދޭން ފަށާފައިމިވަނީ އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާހް ޑިސްޓްރިކްޓުގައި ތިބި ފަލަސްތީނު މީހުންގެ ގެތަކުން އެމީހުން ނެރެން އިޒްރޭލުން މަސައްކަތް ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގައްޒާގެ ވެރިކަންކުރާ ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. އިޒްރޭލުން އަންނަނީ އެ ގެތަކުން ފަލަސްތީނު މީހުން ނެރުމަށްފަހު އެ ތަންތަނުގައި އިޒްރޭލު މީހުން ވަޒަންވެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގައި މުޒާހަރާތައް ވެސް ކުރިއިރު، މުޒަހަރާ ރޫޅާލުމުގެ ނަމުގައި މިދިޔަ ރޯދަ މަހުގެ ތެރޭގައި އެތައް ހާސް ބަޔަކު ނަމާދަށް ހާޒިރުވެފައިވަނިކޮށް އިޒްރޭލުން ވަނީ މަސްޖިދުލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުންތައް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވިއިރު، މިސްކިތުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް