މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާ އެކު ދެމިހުންނާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަދުއްވައިލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނ...

17 May 2021 | 06:36

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަދުއްވައިލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ފެށުނު މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ޖަރުމަނުވިލާތުގައި ހުންނަވައިގެން ފޮނުއްވި މެސެޖެއްގައި އެވެ. އެމަނިކުފާނު ޖަރުމަނަށް ވަޑައިގެންނެވީ ޓެރަރިސްޓު ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށެވެ.

ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، އިރާދަކުރެއްވިއްޔާ މަޖިލީހުގައި އިސާހިތަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން ރައްޔިތުންނާ ބައްދަލު ވެސް ކުރައްވާނެ ކަަމަށެވެ. އަދި ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާ ކުރުންމަތީ ހިތްވަރާއި އެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ މެސެޖުގައި ވިދާޅުވީ، އެ މަނިކުފާނުގެ ފުރާނަ ދުއްވައިލަން ދިން ހަމަލަ އަށް ފަހު، މި ނުރައްކާތެރި، ބިރުވެރި ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީގައި މެމްބަރުން ތިއްބަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އެމިނުފާނު ވިދާޅުވީ މެމްބަރުން ގައުމުގެ މަސްލަހަތު އިސްކުރައްވައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކޮށްދެއްވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތުހުމަތަށް މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ޖަރީމާ ހިންގީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރަށް ތަބާވާ ބައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް