ޗައިނާއިން ވީގާ މުސްލިމުން އަޅުވެތި ކޮށްގެން މަސައްކަތް ކުރުވާ ކަން ފަޅާއަރައިފި

ޗައިނާގެ ސޯލާ ޕެނެލް ޗޭނުތަކެއްގައި ވީގަރ މުސްލިމުން އަޅުވެތި ކުރުވައިގެން ގަދަ ކަމުން މަސައްކަތް ކުރާކަން ފަޅާ އަރައިފިއެވެ. އިނގިރޭސިވިލާތުގެ ޝެފީލްޑް ހައްލާމް ޔުނިވަރސިޓީއިން ޝާޢިއު ކޮށްފައިވާ ރިޕޯ...

17 May 2021 | 06:12

ޗައިނާގެ ސޯލާ ޕެނެލް ޗޭނުތަކެއްގައި ވީގަރ މުސްލިމުން އަޅުވެތި ކުރުވައިގެން ގަދަ ކަމުން މަސައްކަތް ކުރާކަން ފަޅާ އަރައިފިއެވެ.

އިނގިރޭސިވިލާތުގެ ޝެފީލްޑް ހައްލާމް ޔުނިވަރސިޓީއިން ޝާޢިއު ކޮށްފައިވާ ރިޕޯޓެއްގައި ވަނީ، ޗައިނާގެ ވީގަރ ދަރިކޮޅުގެ މުސްލިމުން ލައްވާ ޗައިނާއިން ގަދަ ކަމުން މަސައްކަތް ކުރުވާ ކަމުގެ ހެކި ހޯދާފައެވެ. އެ ރިޕޯޓުގައިވާ ގޮތުގައި، ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޝިިންޖާންގެ ކާރުޚާނާތަކުގައި މަސައްކަތް ކުރުމަށް ވީގަރު މުސްލިމުން "ލޭބަރ ޓްރާންސްފަރ"ގެ ދަށުން ބަދަލު ކުރަމުން ގެންދެއެވެ.ނަމަވެސް މިކަން ކުރަމުން ގެންދަނީ އެ މީހުންގެ އެދުމާއި ޚިލާފަށެވެ. އަދި އަލުން ތައުލީމު ދިނުމުގެ ނަމުގައި ޗައިނާއިން ކުރިއަށް ގެންދާ ލާއިންސާނީ ކޭމްޕުތަކަށް އަނެއްކާވެސް ދާން ޖެހިދާނެ ކަމުގެ ބިރު ދައްކައި، ވީގަރ މުސްލިމުން ލައްވާ ޗައިނާއިން ގަދަކަމުން މަސައްކަތް ކުރުވަމުންދާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ސޯލަރ މޮޑިއުލްތައް އުފެއްދުމަށް ބޭނުންވާ މުހިންމު ބާވަތެއް ކަމަށްވާ ޕޮލީސިލިކޮންގެ 45 އިންސައްތަ ޕޮލީ ސިލިކޮން އުފައްދާ ކާރުޚާނާތައް ހުންނަނީ ޗައިނާގެ ޝިންޖާންގައި ކަމަށެވެ.އަދި މިއީ ވީގަރ މުސްލިމުންވެސް އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދު ކަމަށް އެ ރިޕޯޓުގައި ވެއެވެ. މި ތަަޙްޤީޤީ ދިރާސާއިން ހާމަ ވެގެންދަނީ ޗައިނާގައި ރޯ މެޓީރިއަލްއާއި، ސޯލާރ ޕެނެލް އުފެްދުމަށް ބޭނުން ކުރާ ޕޮލީސިލިކޮންގެ އިތުރުން މިފަދަ އެހެން ބާވަތްތައް އުފައްދާ ބޮޑެތި ކުންފުނިތަކަކީ ވީގަރ މުސްލިމުން އަޅުވެތި ކުރުވާ، އެ މީހުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާ ކުންފުނިތައް ކަމެވެ.

ޖައްވުގައި ގްރީން ހައުސް ގޭސް މަދު ކުރުމަށް ކުރެވޭ މަސައްކަތުގައި ސޯލަރ ޕެނެލްގެ ޑިމާންޑް ދުނިޔޭގެ ބާޒާރުގައި ބޮޑު ވެފައި ވާއިރު، ޗައިނާއާއި ބައިނަލްއަޤްވާމީ ކުންފުނިތައް ހިމެނޭހެން 90 ކުންފުންޏަކުން އުފައްދާ ސޯލަރ ޕެނެލްތަކަކީ، ވީގަރ މުސްލިމުންގެ އަޅުވެތި މަސައްކަތާއި ގުޅުން ހުރި ސޯލާ ޕެނެލްތަކެވެ. އެހެން ކަމުން، މި ދިރާސާ ކުރި ފަރާތުން ވަނީ ސަޕްލައި ޗޭނުތަކުގެ ވެރިން މިކަން ތަޙްޤީޤުކޮށް، މި ކުންފުނިތައް ނޫން އެހެން ކުންފުނިތަކުން މެޓީރިއަލް ހޯދުމަށް ގޮވާލާފައެވެ. އަދި ކަމާއި ގުޅުން ހުރި ފަރާތްތަކަށް މި ރިޕޯޓުގެ އަލީގައި ސާބިތު ހެކި ލިބިގެން ދާނެ ކަމަށާއި، މިކަމާއި ދެކޮޅަށް އެދެވޭ ފިޔަވަޅުތައް އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ދިރާސާ ކުރި ފަރާތުންވަނީ ބުނެފައެވެ.

މި ރިޕޯޓު ދާދި ފަހުން އާންމު ކޮށްފައި ވާއިރު، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ޗައިނާއަށް އަންނަނީ ވީގަރ މުސްލިމުންގެ މައްސަލައިގައި ފިއްތުންތައް ކުރިމަތި ވަމުންނެވެ. އެގޮތުން، ޝިންޖާނުގައި ހިންގަމުން ދާ ލާއިންސާނީ އަމަލުތައް ތަޙްޤީޤު ކުރުމަށް އެ ސަރަޙައްދު ބައިނަލްއަޤްވާމީ ޓީމުތަކަށް ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ. މި ޤައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާވެސް ހިމެނެއެވެ. އަންނަ ބުރާސްފަތި ދުވަހު މި ޤައުމުތަކުން ގުޅިގެން ވީގަރ މުސްލިމުންގެ މައްސަލައިގައި އދ ގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަ ޖެހިފައެވެ. ޗައިނާއިން ގެންދަނީ ވީގަރ މުސްލިމުންގެ މައްސަލައިގެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.

އިންސާނުން ޤާނޫނާއި ޚިލާފަށް ހައްޔަރު ކޮށް، އަޅުވެތި ކުރުމާއި،އެއްވެސް މީހަކު ލައްވާ ގަދަކަމުން ނުވަތަ ބިރު ދައްކައިގެން މަސައްކަތް ކުރުވުމަކީ އދ ގެ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ ޤަރާރުތަކާއި މުޅިން ޚިލާފު ކަމެއް ކަމަށް ވާއިރު،އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓެއްގައި، ވީގަރ މުސްލިމުންގެ އާބާދީގެ މިލިއަނެއްހާ މީހުން ޤާނޫނާއި ޚިލާފަށް ޗައިނާގެ ސަރުކާރުން ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި މީހުންނާއި މެދު ގިނަ ލާއިންސާނީ ޖަރީމާތައްވެސް ޗައިނާގެ ސަރުކާރުން ވަނީ ހިންގާފައެވެ. މިއީ  ނަސްލު ނައްތާލުމުގެ ބޭނުމުގައި ހިންގާ ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް